އިދިކޮޅު އެމްޑީޕީން މާލޭ ސިޓީގައި ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި، އެއްވުމުގެ ބައިވެރިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހަކަށް އަނިޔާދީ ޒަހަމްކޮށްލައިފިއެވެ.
އެމްޑީޕީން ސިލްސިލާކޮށް މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކަކީ ސަރުކާރަށް 12 ޑިމާންޑެއްކޮށް ހުސްވި ހަފުތާގެ ބުދަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށްގެންދަން ފެށި މުޒާހަރާތަކެކެވެ. މި މުޒާހަރާތަކަށް ނުކުންން އެ ޕާޓީގެ އިސްފަރާތްތަކާއި އާންމު މެންބަރުން ކޮންމެ ރެއަކު ވެސް ގެންދަނީ ފުލުހުންނާ ކުރިމަތިލައި، ފުލުހުންނަށް އެކި ގޮތްގޮތުން ހާނިއްކަ ކުރަމުންނެވެ.
އެގޮތުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޕާޓީ ޕީއެންއެފްއިން ވެސް އެމްޑީޕީއާ ގުޅިފައިވާއިރު، އެ ދެ ޕާޓީގެ މެންބަރުން ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގައިފައެވެ. މި މައްސަލާގައި މުޒާހަރާގެ ތެރެއިން ދެ މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ. އެއީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި 49 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އެ ދެ މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.
މުޒާހަރާގެ ބައިވެރިން ފުލުހަކަށް އަނިޔާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލުމުގެ ސަބަބުން ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އަނިޔާވި ފުލުސް އޮފިސަރަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީއަކީ އަބަދުވެސް މަގުތަކަށް ނުކުމެ ރަށުތެރޭގެ ހަމަޖެހުން ނަގާލައި، މަގުމަތީގައި ބޭއަދަބީ ބަސްތައް ބޭނުންކޮށް، ފުލުހުންނާއި ކުރިމަތިލައި އެ މީހުންނަށް ހާނިއްކަ ކުރާ ބައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބައެކެވެ.













