ކުރިއަށް އޮތްތަނުގައި ވެސް އިހުލާސްތެރިކަމާއިއެކު ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެކަމަށް ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މަގާމުން އިސްތިއުފާދެއްވުމަށް ފަހު ފުރަތަމަ ފަހަރަށް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނީ ހަގީގީ މާނައިގައި ކައުންސިލްތައް ބާރުވެރި ކުރެވިގެން އަދި ކައުންސިލްތަކާއި، ސަރުކާރާއި، ރައްޔިތުން ގުޅިގެން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.
އަޅުގަނޑު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އިސްތިއުފާ ދިނުމާ ގުޅިގެން ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާތަކުންނާއި ޢާންމު ފަރުދުންނާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް… pic.twitter.com/yKaD7GkBr2
— Adam Shareef Umar (@Adamshareefz) April 18, 2026
އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނީ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މާލީ ފުދުންތެރިކަން ކައުންސިލްތަކަށް ދެވިގެން، ރައްޔިތުންނާއި ގުޅޭ ކަންކަމުގައި ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ފުރަތަމަ ޓަކިޖަހާ ދޮރަކީ ކައުންސިލްތައް ހެދިގެން ކަމަށެވެ.
މީގެ އިތުރުން އަލަށް ހުވައި ކުރާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ސަރުކާރާއި ގުޅިގެން، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ އާ ބާބެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ފެށިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް އާދަމް ޝަރީފް ވަނީ އިތުރަށް ވިދާޅުވެފައެވެ.
އާދަމް ޝަރީފް ޢުމަރު ވަނީ ސިޓީސް މިނިސްޓަރު ކަމުގެ އޭނާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކި ފަރާތްތަކުން ފާޅުކުރަމުންދާ ޝުއޫރުތަކާއި އޯގާތެރި ބަސްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.









