ގަލްފުގެ މަސްރަޙު އިތުރަށް ގޯސްވެ، އީރާނުން އެމެރިކާއަށާއި ހުޅަނގުގެ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ރިޒާ އާރިފް މިއަދު ވަނީ، ދުނިޔޭގެ ތެލުގެ އެންމެ މުހިންމު މަގު ކަމަށްވާ ހުރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ފަހުގެ ނިންމުން އިޢުލާންކޮށްފައެވެ.
އީރާނުގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ރިޒާ އާރިފް:
”ހުރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އަހަރެމެންގެ އަތުގައި. މަޝްވަރާގެ މޭޒުމަތިން އަހަރެމެންގެ ޙައްޤުތައް ނުދީފިނަމަ، ހަނގުރާމައިގެ މައިދާނުން އަހަރެމެން އެ ޙައްޤުތައް ހޯދާނަން.“
އެމެރިކާއަށް އޮތް ގޮންޖެހުން
މި ބަޔާނުން އެނގިގެންދަނީ، އެމެރިކާއިން ކުޅެމުންދިޔަ ”ސުލްޙައިގެ“ އޮޅުވާލުންތަކަށް އީރާނުން ޖާގަ ދޭން ބޭނުންނުވާކަމަށެވެ. އެމެރިކާއިން ބޭނުންވީ އީރާނުގެ ބަނދަރުތައް ބަންދުކޮށް، އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ތިބެ، ހުޅަނގުގެ މާކެޓުތަކަށް ތެޔޮ ގެންދާށެވެ. ނަމަވެސް އީރާނުން މިވަނީ އެކަން ހުއްޓުވާފައެވެ.
ދުނިޔޭގެ އިޤްތިޞާދަށް އޮތް ނުރައްކާ
”ހަނގުރާމައިގެ މައިދާނުން“ ޙައްޤު ހޯދާނެކަމަށް ބުނެ އީރާނުން އެދިނީ ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު އިންޒާރެކެވެ. އެމެރިކާގެ އަސްކަރިއްޔާ ކިތަންމެ ވަރުގަދަ ނަމަވެސް، ތެޔޮ ދަތުރުކުރާ ކަނޑުއޮޅީގެ ފިޒިކަލް ކޮންޓްރޯލް އޮތީ އީރާނުގެ އަތުގައެވެ. މިއަދު އެމެރިކާއަށް އޮތީ ދެ ގޮތެކެވެ؛ އީރާނުގެ ބްލޮކޭޑް ނިމުމަކަށް ގެނެސް އީރާނުގެ ޙައްޤުތައް ދިނުން، ނުވަތަ ދުނިޔޭގެ އިޤްތިޞާދު ފުނޑުފުނޑުވެގެންދާނެ ފަދަ ކަނޑުމަތީގެ ބޮޑު ހަނގުރާމައަކާ ކުރިމަތިލުމެވެ.











