މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމާއެކު ވޯޓުލާ ހުރިހާ މަރުކަޒުތަކެއް ބަންދުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ 16:00 ޖެހުމާއިއެކު ވޯޓު ފޮށިތައް ބަންދުކޮށްފައެވެ. ބައެއް ވޯޓު ފޮށިތަކުގެ ވޯޓުލުން ފެށުން ލަސްވި ނަމަވެސް އެއްވެސް ފޮއްޓެއްގެ ވޯޓުލާ ވަގުތު އެ ކޮމިޝަނުން އިތުރުކޮށްދީފައެއް ނުވެއެވެ. އިންތިހާބުގެ ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ވޯޓު ފޮއްޓެއް ވެސް ބަންދުކުރާތާ 30 މިނެޓް ފަހުންކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
މި އިންތިހާބުގެ އިތުރު ބުރުގައި ފަސް ރަށެއްގެ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ހޮވުމަށް ވޯޓުލުމަށް ވަނީ ހަމަޖެހިފައެވެ.
އެ ފަސް ރަށަކީ:
- ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު
- ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު (މިއީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެއް)
- ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް މެންބަރަކު
- ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރަކު
- ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރަކު
މި އިންތިހާބުގެ އިތުރު ބުރުގައި 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ. ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ދެވަނަ ބުރަށް ދިޔަ ރަށްތަކާއި މާލޭ ސިޓީގައެވެ. އެގޮތުން، ކެލާ، މާވަށުގެ އިތުރުން ފުވައްމުލައް ސިޓީ ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، ނޭކުރެންދޫ އަދި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގައި ޖުމުލަ 6،093 މީހަކު ރަޖިސްޓްރީވެފައިވެއެވެ. އެގޮތުން، ކެލާ އިންތިހާބުގައި 1،729 މީހުންނަށް، ނޭކުރެންދޫ އިންތިހާބުގައި 1،056 މީހުންނަށް، ދޮންފަނު އިންތިހާބުގައި 441 މީހުންނަށް، މާވަށު އިންތިހާބުގައި 1،556 މީހުންނަށް އަދި ފުވައްމުލައް ސިޓީ ދަޑިމަގު އަވަށުގެ އިންތިހާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި ދާއިރާތަކަށް ހާއްސަކޮށް މާލޭ ސިޓީގައި ހަ ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އެގޮތުން ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ފޮށިތައް ބަހައްޓާފައިވަނީ ތާޖުއްދީން ސްކޫލުގައެވެ. ނޭކުރެންދޫ އަދި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި ބަހައްޓާފައިވާއިރު ފުވައްމުލައް ސިޓީ ދަޑިމަގު އަވަށުގެ ވޯޓުފޮށި ބަހައްޓާފައިވަނީ ދަރުމަވަންތަ ސްކޫލުގައެވެ.












