ހުރްމޫޒް ކަނޑުއޮޅި ހުޅުވާލުމާއެކު ދުނިޔޭގެ އިޤްތިޞާދަށް ލިބުނު ވަގުތީ ހިތްހަމަޖެހުން ނިމުމަކަށް އައިސްފިއެވެ. ކަނޑުއޮޅި ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އީރާނުގެ އަސްކަރިއްޔާއިން ވަނީ އަނެއްކާވެސް އެ މަގު އެއްކޮށް ބަންދުކޮށްފައެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ ތައުޙީދު އަސާދީ ރިޕޯޓުކުރާ ގޮތުގައި، ލުބުނާނަށް ބޮންއެޅުން ހުއްޓާލުމާއެކު ސުލްޙައިގެ ވާހަކަތަކަށް ޖާގަދިނުމުގެ ގޮތުން އީރާނުން ކަނޑުއޮޅި ހުޅުވާލި ނަމަވެސް، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް އަރާފޭބުން މަނާކޮށް ހިންގަމުންދާ ބްލޮކޭޑް ނިމުމަކަށް ގެންނަން ދެކޮޅުހަދާފައެވެ. އެހެންކަމުން، އެމެރިކާގެ ބްލޮކޭޑް އޮތްހާ ހިނދަކު ހުރްމޫޒް ކަނޑުއޮޅިވެސް އޮންނާނީ ބަންދުކޮށްފައި ކަމަށް އީރާނުން ވަނީ އަންގާފައެވެ.
ކަނޑުދަތުރުފަތުރުގެ މަޢުލޫމާތު އެއްކުރާ ކުންފުނި ’ޓޭންކަރ ޓްރެކަރސް‘ އިން ކަށަވަރުކޮށްދޭ ގޮތުގައި، އީރާނުގެ އަމުރާ ޚިލާފަށް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ވިޔަފާރި ބޯޓުތަކުގެ ތެރެއިން މަދުވެގެން ދެ ބޯޓަކަށް ވަނީ ބަޑީގެ ޙަމަލާތަކެއް އަމާޒުވެފައެވެ.













