ބ. ކެންދޫ ކައުންސިލް ރައީސް އިބްރާހިމް ޢަބްދުއްރަޙްމާންގެ ސައިކަލު ކަނޑު ފައްތައިފިއެވެ.
މި މައްސަލައާއި ގުޅިގެން އިބްރާހިމް ވިދާޅުވެފައިވަނީ މިކަން ހިނގާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައި ކަމަށެވެ. ސައިކަލު ކަނޑު ފެއްތީ ސީދާކޮން ބައެއްކަން އެނގޭ ކަމަށާއި އެ މީހުން އެކަންކުރީ ސިޔާސީ ބޭނުމެއްގައިކަމަށް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. އޭނާ މިހާރު ވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި އޭނާގެ ސައިކަލު ގެއްލިގެން ރަށުތެރޭގެ އެކި ތަންތަން ބެލުނު ކަމަށާއި ނަމަވެސް ރަށުތެރޭގެ އެއްވެސް ތަނަކުން ސައިކަލު ފެންނަން ނެތުމުން ރަށުން ބޭރު ބަލަން ފެށި ކަމަށެވެ. ވަގަށް ނަގައިގެންގޮސް ސައިކަލް ކަނޑު ފައްތާފައި އޮއްވާ ފެނުނީ އުރަފަށުން ބޭރުގައިކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
އިބްރާހިމް ވިދާޅުވީ މިކަމީ ސިޔާސީ ބޭނުމެއް ފުއްދުމުގެ ގޮތުން އޭނާއާއި ސިޔާސީ ގޮތުން ދެކޮޅު ބަޔަކު ކޮށްފައިވާ ކަމެކެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ބ. ކެންދޫ ގެއެއްގެ ކައިރީ ބަހައްޓާފައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެއް މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން ސައިކަލު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސައިކަލު ފެނިފައި ވަނީ ކެންދޫ ފަޅުތެރެއިންކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ އިތުރަށް ބުނެފައެވެ.













