މި އަހަރުގެ މިހާތަނަށް ގްރާންޓާއި ސަބްސިޑީގެ ގޮތުގައި 2.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ”ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް“ ރިޕޯޓުން ދައްކާގޮތުގައި، މި ހިނގާ އޭޕްރީލް މަހުގެ ދެވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ބަޖެޓުން ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައި ޖުމުލަ 2.7 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ.
އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު އަށް އިންސައްތައިގެ އިތުރުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ސަބްސިޑީއަށް ކޮށްފައިވާ ހަރަދު އިތުރުވި ނަމަވެސް، އާސަންދައަށް ކުރި ހަރަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް އާސަންދަ ސްކީމްތަކަށް 436.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދަ ސްކީމްތަކަށް ހަރަދުކޮށްފައިވަނީ 607.8 މިލިއަން ރުފިޔާއެެވެ.
އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު 28 އިންސައްތައިގެ ދަށްވުމެކެވެ.
އާސަންދަ ސްކީމްތަކަށް ކޮށްފައިވާ ހަރަދުގެ އިތުރުން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވުނު ހަރަދު ވެސް ވަނީ ދަށްވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް 44 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްތަދުގައި މިކަމަށް ހަރަދުކޮށްފައިވަނީ 81 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 45 އިންސައްތައިގެ ދަށްވުމެއްކަން ފާހަގަކޮށްލެވެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް ދޭ ގްރާންޓު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި 536.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި ހަރަދުކޮށްފައިވަނީ 634.8 މިލިއަން ރުފިޔާއެވެ.












