މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ޤާނޫނާ ޚިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2026 އޭޕްރީލް 16 ވަނަ ދުވަހު އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އެމީހުން ޑީޕޯޓްކުރުމަށް ޓަކައި، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.













