އަދުގެ ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދަނީ ވޯޓުގެ މެޖޯރިޓީއަށް ބަލާފައިނޫންކަން މިހާތަނަށް ވާނީ ސާބިތުކޮށްދީފައިކަމަށް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖްލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޒިޔާދު ވަނީ އޭނާގެ ދާއިރާގެ ބައެއް މަޝްރޫޢުތަކުގެ އަދާހަމަ އައްސަވާ، އެދާއިރާއިން ސަރުކާރަށް މެޖޯރިޓީ ނުލިބޭ ކަމަށާއި، މެޖޯރިޓީ ނުލިބުނު ނަމަވެސް މަޝްރޫޢުތައް ކުރިއަށްދާނެތޯ ސުވާލުކުރައްވާފައެވެ.
ޖަވާބުގައި މިނިސްޓަރ ދެއްވީ ޢަމަލުން ނަތީޖާ ނެރެދެއްވަމުންދާ ކަމުގެ ތަފްސީލާއިއެކު ފުރިހަމަ ޖަވާބެކެވެ. މުއްތަލިބް ވިދާޅުވީ ތ. އަތޮޅު ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢުއާއި ގުޅިގެންވެސް އެފަދަ ދޮގު ވާހަކަތަކެއް ފެތުރުނު ކަމަށާއި، އިންތިޚާބު ނިމުމާއެކު މަޝްރޫޢު ހުއްޓާލީކަމަށްބުނެ އަޑުތައްފެތުރިކަމަށެވެ. އެހެންނަމަވެސް، ކަންވީ ދިމާއިދިކޮޅަށް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެރަށުން މެޖޯރިޓީވެސް ގޮނޑިވެސް ނުލިބޭކަމަށާއި، އެހެންނަމަވެސް ބިން ހިއްކުން ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ތ. އަތޮޅު ގާދިއްފުށީގަ ބިން ހިއްކަން ފެށީމަ، އިންތިޚާބު ނިމުމާއެއްކޮށް ބައެއްފަރާތްތަކުން މަޢުލޫމާތު ފަތުރަމުންދިޔަ، ފެށި މަސައްކަތް ހުއްޓާލާފަ ފައިބަނީއޭ، އެކަމަކު ތިބޭފުޅުން ބައްލަވާލައްވާ އަޅުގަނޑުމެންނަަކަށް މެޖޯރިޓީއެއްނުލިބޭ އެރަށަކުން، އެންމެ ގޮނޑިއެއްވެސް ނުލިބޭ ކަންނޭނގެ، އެކަމަކު ބިންހިއްކުން ބާރަށް ކުރިއަށް އެބަދޭ“ މުއްޠަލިބް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަމެއް ކޮށްދޭނީ ރައްޔިތުންގެ ވޯޓަށް ނޫންކަމަށާއި، ސަރުކާރުން ރައްޔިތުންގެ އެއްބާރުލުމާއެކު ކަންކަން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.













