އެމެރިކާ މެދުވެރިއަކަށް ވެއޮވެ ޣައްޒާގެ ހަނގުރާމަ ”ހުއްޓާލުމަށް“ ފާއިތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމަށް ހަ މަސް ފާއިވެ ގޮސްފިއެވެ. އެއްބަސްވުމުގެ ދަށުން ހަމާސްގެ އަތްދަށުގައިވި 20 ޔަހޫދީން މިނިވަންކުރުމުގެ ބަދަލުގައި އިޒްރޭލުން ހައްޔަރުކޮށްފައިވާ އެތައް ސަތޭކަ މުސްލިމުން މިނިވަންކުރުމުގެ އިތުރުން ފިޔަވަހި ތަކަކަށް ބަހާލައިގެން ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުގެ ސިފައިން ޣައްޒާއިން ފޭބުމަށްވެސް އެއްބަސްވެފައިވެއެވެ.
ނަމަވެސް އިޒްރޭލުން އިޔަހޫދިކަމާއިއެކު ހަމަލާތައް ދިނުން ދަނީ އަދިވެސް ކުރިއަށެވެ. ޣައްޒާ ސަރުކާރުގެ އޮފީހުން ހާމަކޮށްފައިވާ މަޢުލޫމާތުތަކުގައިވާ ގޮތުގައި މީގެ ހަ މަސް ކުރިން ހަނގުރާމަ މަޑުޖައްސާލުމަށް ވި އެއްބަސްވުމަށް ފަހުގައި އިޒްރޭލުން ވަނީ 1100 ފަހަރަށް ވުރެން ގިނައިން ޣައްޒާއަށް ބޮން އަޅާފައެވެ. މިހަމަލާތަކުގައި ގެއްލުންލިބިފައިވަނީ 99 އިންސައްތަ ޢާއްމު މުސްލިމުންނަށް ކަމަށް ބަޔާންކޮށް ޣައްޒާ ސަރުކާރުގެ އޮފީހުން ބުނެފައިވަނީ އިޒްރޭލުން ދީފައިވާ އެކިއެކި ހަމަލާތަކުގައި 754 މުސްލިމުން ޝަހީދުވެ، 2100 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ޣައްޒާ ސަރުކާރުގެ އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި ބޮންއެޅުމުގެ އިތުރުން 921 ބަޑިޖެހުމުގެ ހަމަލާތަކާއި، 97 ރެއިޑުޖެހުމާއި، ގެތައް ބިމާއި ހަމަކުރުމުގެ 273 ހާދިސާއެއް ހިމެނޭހެން ޖުމްލަ 2400 ފަހަރަށް ފާއިތުވެދިޔަ ހަ މަސް ތެރޭގައި އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފުވެފައިވެއެވެ.
މިއާއިއެކު އިޒްރޭލުން ދަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ހިލޭއެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައި، ”ސިސްޓަމެޓިކް“ ގޮތެއްގައި ޣައްޒާ ބަނޑަށް ޖައްސަމުންނެވެ.












