އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އަލުން ވާދަކުރައްވާނެކަމަށް އެ މަޤާމުގައި ކުރިން ހުންނެވި މެންބަރު މުޙައްމަދު ސިނާން އިޢުލާން ކުރައްވައިފިއެވެ.
އެކްސްގައި މިކަން އިޢުލާންކުރައްވަމުން ސިނާން ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ބާއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި، ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި އިންތިޚާބުގައި ކާމިޔާބީއަށް ވާސިލުވުމަށްޓަކައި ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގަންނަވާކަމަށް ވެސް ސިނާން ވިދާޅުވިއެވެ.
بسم الله الرحمن الرحيم
السلام عليكم ورحمة الله وبركاته
އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ބާއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ޕްރައިމަރީގައި، މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު ވާދަކުރުމަށް، އަޅުގަނޑު މުޙައްމަދު…
— Mohamed Sinan (@sinaa_2024) April 14, 2026
ސިނާންގެ ގޮނޑި ގެއްލުމަށް މެދުވެރިވީ އޭނާއާއި، އިތުރު އެހެން މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކް މެދުވެރިކޮށް ނެގި 2.5 މިލިއަން ރުފިޔާގެ ލޯނު ދައްކަން 2024 ވަނަ އަހަރު ކޮށްފައިވާ ޙުކުމަކާ އެއްގޮތަށް ފައިސާ ނުދެއްކިކަމަށް ބުނެ ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސްޕްރީމް ކޯޓުން ޙުކުމްކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވީ، ލޯނުގެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކައި ނިންމުމަށް ދަށު ކޯޓުން ކުރި ޙުކުމާ އެއްގޮތަށް ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. ޙުކުމް ކުރިކަން އެނގިފައިނުވާތީ ފައިސާ ނުދެއްކުނީ ކަމަށް ސިނާންގެ ފަރާތުން ވިދާޅުވެފައިވީނަމަވެސް، އެކަން އޭނާއަށް ދުރާލައި އަންގާފައިވާކަން މައްސަލައިގެ ލިޔެކިޔުންތަކުން ސާބިތުވާކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ޙުކުމުގެ ފައިސާ ދެއްކުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، ސިނާންގެ ފަރާތުން ހުރިހާ ފައިސާއެއް އެއްފަހަރާ ދެއްކެވީ ތިންވަނަ މަހުގެ ތެރޭގައި ކަމަށްވާތީ، ޙުކުމުގެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކަވާފައިވާކަމަށް އޭނާގެ ފަރާތުން ވަނީ ވަކާލާތުކުރައްވައިފައެވެ. ނަމަވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވީ، ކޮންމެ މަހަކު ދައްކަންޖެހޭ މިންވަރު ދައްކަމުން ގޮސް ޚަލާޞްކުރުމަށް ޙުކުމުގައި ބަޔާންކޮށްފައިވާތީ، ފައިސާ ދައްކަންޖެހޭނީ އެ އުޞޫލުގެ މަތިން ކަމަށެވެ.













