ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ގަޟިއްޔާއަކުން ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ހުކުމްކޮށްފައިވާތީ، އެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި ބައި-އިލެކްޝަންގައި ވާދަކުރުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 އަށެވެ.
މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުގައި ކަމަށް އިލެކްޝަން ކޮމިޝަނުން ވަނި ބުނެފައެވެ. މި އިންތިހާބުގެ ވޯޓު ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ އަށްވަނަ ދުވަހުއެވެ.
އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ candidacy@elections.gov.mv މެއިލްކޮށްގެން ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ހާޒިރުވެގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހަޅާނަމަ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ފެށިގެން 16:00 އާއި ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމަށް މެދުވެރިވީ އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާނާއި އިތުރު އެހެން މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކް މެދުވެރިކޮށް ނެގި 2.5 މިލިއަން ރުފިޔާގެ ލޯނު ދައްކަން 2024 ވަނަ އަހަރު ކޮށްފައިވާ ޙުކުމަކާ އެއްގޮތަށް ފައިސާ ނުދެއްކިކަމަށް ބުނެ ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސްޕްރީމް ކޯޓުން ޙުކުމްކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.













