ޕެޓްރޯލާއި ޑީސަލްގެ ޝިޕްމަންޓްތައް ރާއްޖެއަށް ގެނައުމަށް ކުރިއަށް އޮތް ތިން މަސްދުވަހު ޝެޑިއުލް ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަގުތައް ހޯދުމުގައި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާއި އަޅައިބަލާއިރު މި އަހަރު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު 19 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
”ޖެނުއަރީ 2024 އިން މާރޗް 2024 އަށް ރާއްޖެއަށް އިމްޕޯރޓްކުރި މުދަލަށް ބަލާއިރު 13.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި، މި އަހަރުގެ މި މުއްދަތުގައި 16.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައި އެބަވޭ، އެހެންވީމަ އިމްޕޯޓަށް ބަލާއިރު 19 އިންސައްތަ އިތުރުވުމެއް އެބައިން،“ – މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރު ސަޢީދު ވަނީ ސްރީލަންކާގައި ތާށިވެފައި ހުރި ކޮންޓެއިނަރުތަކުގެ ތަފްޞީލު ވެސް ހާމަކުރައްވައިފައެވެ. އެގޮތުން ހުސްވި ހަފުތާގައި އެ ޤައުމުގައި 4,241 ކޮންޓެއިނަރު ހުރި ނަމަވެސް، މިހާރު އެ މުދާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެއާއެކު ސްރީލަންކާގައި ހުރި ކޮންޓެއިނަރުތަކުގެ އަދަދު 1،741 އަށް ތިރިވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ވަގުތު ބަނދަރުގައި އޮތް އުޅަނދެއްގައި 1،200 ޓީއީޔޫގެ މުދާ ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ތެރެއިން 2،500 ޓީއީޔޫގެ މުދާ މި ހަފުތާގެ ތެރޭގައި ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އިއްޔެއާއި އޭގެ ކުރީ ދުވަހު 1،000 ކޮންޓެއިނަރު އަދި މިއަދު 1،500 ކޮންޓެއިނަރު ރާއްޖެ ގެނެސްފައިވާކަމަށް މިނިސްޓަރު ވަނީ އިތުރަށް ވިދާޅުވެފައެވެ.












