މި އަހަރު ޙައްޖަށް މީހުން ގެންދިއުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށާއި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕު އަންނަ މެއި މަހު ސަޢޫދީ ޢަރަބިއްޔާއަށް ފުރާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޙައްޖަށް މީހުން ގެންދިއުމުގައި އެއްވެސް ހުރަހެއް އޮތްކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
ޙައްޖުވެރިންގެ ވިސާގެ ކަންކަމާއި ފްލައިޓާއި އިތުރު އެހެނިހެން ތައްޔާރީތައްވެ ނިމިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ މެއި މަހުގެ 15 ވަނަ ދުވަހު ހައްޖާޖީން ފުރަން ފަށާނެ ކަމަށެވެ.
”ޙައްޖާޖީންގެ އެންމެހައި ކަންތައްތަކެއް ވަނީ ވަރަށް ފުރިހަމަ ކަމާއެކުގައި ނިމިފައި، ވިސާ ވެސް ވަނީ މިހާރު އިޝޫކުރެވިފައި، އަދި އެކޮމޮޑޭޝަނާއި އެހެނިހެން ތައްޔާރީތައް ފްލައިޓުގެ ދަތުރުތަކާ ހުރިހާ ކަމެއް ވެސް ވަނީ އިންތިޒާމުކުރެވިފައި،“ – މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ނިމިދިޔަ 2025 ވަނަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މޯލްޑިވިއަންގެ ފްލައިޓުތަކުގައި 500 ޙައްޖާޖީން ސަޢޫދީ ޢަރަބިއްޔާއަށް ފުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ޙައްޖު ކޯޓާގެ 50 އިންސައްތަ މީހުންނެވެ. ބާކީ ދެންތިބި ޙައްޖާޖީން ފުރާނީ ސަޢުދިއާ އެއަރލައިންސްގައެވެ. އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، 2025 ވަނަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ރާއްޖެއިން ޙައްޖަށް ފުރާ މީހުން ދާނީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.












