މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ ”އުދަރެސް“ ބޯޓު އަޑިއަށް ދިޔަ ހާދިސާގައި އެ ބޯޓުން ގެއްލުނު ދިވެހި މީހާ ދިރިހުއްޓާ ފެނިއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ”އުދަރެސް“ ބޯޓު އަޑިއަށްދާ ކަމުގެ މަޢުލޫމާތު 8 އޭޕްރީލް ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ. މި ބޯޓު އަޑިއަށް ދިއުމަށް މެދުވެރިވީ، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އެރުމުގެ ސަބަބުންނެވެ. ހާދިސާ ހިނގި އިރު 13 މީހަކު ބޯޓުން ދަތުރުކުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ބޯޓުން ދަތުރުކުރަމުން ދިޔަ 13 މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ. އެ މީހާ ހޯދަމުންދަނިކޮށް އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ އެ ސަރަޙައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ފެނިގެން އޭނާ ސަލާމަތްކޮށްފައިވާ ކަމަށާއި އޭނާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
”އުދަރެސް“ ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ގިނަ އަދަދެއްގެ މުދާތައް އޮޅުވެލީގެ ހުޅަނގު ފަރާތަށް އޮޔާދާތީ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.













