އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ ޕާޓީގެ ޗެއަރޕާސަން ކަމުގެ މަޤާމުން އިސްތިއުފާ ނުދޭނެކަމަށް އެ މަޤާމުގައި މިހާރު ހުރި ޢަބްދުލްޣަފޫރު މޫސާ ބުނެފިއެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ޗެއަރޕާސަން ކަމުގެ މަޤާމުން ޢަބްދުލްޣަފޫރު މޫސާ ވަކިކުރުމަށް 55 މެންބަރުންގެ ސޮއިއާއެކު އެ ޕާޓީގެ ޤައުމީ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފައެވެ. މިކަމާ ގުޅިގެން ޣަފޫރު ބުނީ، މަޤާމުން ވަކިކުރުމަށް ޤައުމީ މަޖިލީހަށް ހުށަހަޅާފައިވީނަމަވެސް، އެކަމާ މެދު ސީދާ ގޮތެއް ނިންމަންޖެހޭނީ އެ މަޖިލީހުގައި ނަގާ ވޯޓަކުން ކަމަށެވެ.
”އެ ޖަލްސާގައި ވޯޓުން ގޮތް ނިންމާނީ. އަޅުގަނޑު އިސްތިޢުފާއެއް ނުދޭނަން،“ – އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ޣަފޫރު ބުންޏެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަޤާމުން ޣަފޫރު ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އިސްވެ އޮވެއެވެ. ރައީސް ނަޝީދުގެ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ނަންނުޖެހުމަށް އެދި މި ނޫހަށް ވިދާޅުވީ، ޗެއަރޕާސަން ކަމުގެ މަޤާމުން ޣަފޫރު ވަކިކުރުމަށް ނިންމީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދެއްކެވުމުގެ ފުރުޞަތު ރައީސް ނަޝީދަށް ނުދިނުމުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަޙީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފް އެއްވެސް ޙައްޤަކާ ނުލައި މަޤާމުން ވަކިކުރުމަކީ ވެސް ޗެއަރޕާސަން ކަމުގެ މަޤާމުން ޣަފޫރު ވަކިކުރެވޭނެ ސަބަބެއްކަމަށް އޭނާ ވިދާޅުވިއެވެ. އިބުރޭއާއި މަޢުރޫފް މަޤާމުން ވަކިކުރި ސަބަބެއް އެމްޑީޕީން ހާމަކޮށްދީފައެއް ނުވެއެވެ.
މި މައްސަލައަށް އިޝާރާތްކުރަމުން ޣަފޫރު ބުނެފައިވަނީ، އެ ދެ ބޭފުޅުން މަޤާމުން ވަކިކުރީ މަސައްކަތްތަކުގައި އިދާރީ ގޮތުން އެއްބާރުލުން ނުދޭތީ ކަަމަށެވެ.












