ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަމީނިއްޔާ ސްކޫލުގައި ”އައިވޮންޑާ“ގެ ނަމުގައި ސެންސަރީ ކުލާހެއް ތަރައްގީކޮށްފިއެވެ.
އަމީނިއްޔާ ސްކޫލުގައި މިހާރުވެސް ސެން ކްލާސްތަކުގައި 170 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރެއެވެ.
ބީއެމްއެލްއިން ބުނީ މި ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުން އުނގެނުމަށް ފަސޭހަ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު ފޯރުކޮށްދީފައިވަނީވެސް އެ ބޭންކުން ކަމަށް ބުނެފައިވެއެވެ. އެގޮތުން ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ ވަސީލަތްތައް ބީއެމްއެލް އިން ވަނީ ފޯރު ކޮށްދީފައެވެ.
ބީއެމްއެލްއިން މީގެ ކުރިންވެސް ރާއްޖޭގެ އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށާއި ބޭނުންވާ އާލާތްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެގޮތުން އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ސަލާހުއްދީން ސްކޫލް، ވޭމަންޑޫ ސްކޫލު އަދި ގާފަރު ސްކޫލްގެ ސެން ކްލާސް ތަރައްގީކުރުމަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށް ވުރެ ގިނަ ސްކޫލްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވެއެވެ.
ބީއެމްއެލްއިން ބުނީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން އެ ބޭންކުން އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.













