ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގައި ސައިންސާއި އިލްމީ ހޯދުންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ސިއްހީ ދުޅަހެޔޮކަމަށްޓަކައި އިލްމީ ހޯދުންތަކުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި، ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި. އެކަމަނާ ވިދާޅުވީ، އިންސާނުންގެ ދިރިއުޅުން ދުޅަހެޔޮކުރުމަށާއި ވަރުގަދަ މުޖުތަމައުތަކެއް ބިނާކުރުމަށް ސައިންސްގެ ކުރިއެރުންތަކުން ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ. އަދި ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ސިއްހީ ހައްލުތަކުގެ ސަބަބުން، މުޖުތަމައުތައް ރައްކާތެރިކުރެވި، މިލިއަނުން މީހުންގެ ފުރާނަ ސަލާމަތްކުރެވޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފަސްޓްލޭޑީ ސާޖިދާގެ މެސެޖުގައި، އިލްމު ކުރިއެރުވުމަށާއި، ދިރާސާތަކަށް އިންވެސްޓްކުރުމަށާއި، އަދި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފައެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ކޮންމެ މީހަކަށް ވެސް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދަކީ އިލްމު ކުރިއެރުވުމަށާއި، ދިރާސާތަކަށް އިންވެސްޓްކުރުމަށް އަޒުމް ކަނޑައަޅަންވީ ދުވަސްކަން ފާހަގަކުރައްވައި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް އިސްކަންދިނުމަށް ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވަނީ މުޅި މުޖުތަމައަށް އިލްތިމާސްކުރައްވާފައެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރެއްގެ ހައިސިއްޔުން އެކަމަނާ އަބަދުވެސް ބާރުއަޅުއްވަނީ އިލްމީ ހޯދުންތަކުގެ އަލީގައި ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމަށެވެ.












