ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީ އިފްތިތާޙްކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފެސިލިޓީ އިފްތިތާޙްކޮށްދެއްވީ ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރަން ފެށުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ ހަފްތާ 14ގައި ހިމެނޭކަމެކެވެ.
ސޯޝަލް ސެންޓަރުގައި މެޑިކަލްރޫމް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެތަން ބައްލަވާލެއްވިއެވެ. މީގެ އިތުރުން ސޯޝަލް ސެންޓަރުގައި ފަށާ މިއަހަރުގެ ބާސްކެޓްބޯލް ސީޒަން ހުޅުވުމުގެ ގޮތުން ބޭއްވި އެގްޒިބިޝަން ބާސްކެޓްބޯލް މެޗެއް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
ކުޅިވަރު ކުރިއެރުވުމާއި ކުޅުންތެރިންނަށް ބޭނުންވާ ޞިއްޙީ ފަރުވާ އަދި ފިޓްނަސްއާ ގުޅޭކަންކަން ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.












