ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހަކު ގޭގައި މަސައްކަތް ކުރަންޖެހޭ ގޮތަށް އެ އޮފީހުން ކަނޑައަޅައިފިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، މި ބަދަލު ގެނައުމަށް ނިންމާފައިވަނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް، ދިވެހި ދަޢުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމަށް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ޚަރަދު ކުޑަކުރުމުގެ ގޮތުން މިއަދުން ފެށިގެން އަންނަ މެއި މަހުގެ ނިޔަލަށް ބައެއް ކަހަލަ ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން:
- ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުން
- ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
- އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން
- ކަރުދާސް ބޭނުންކުރުން މަދުކުރުން
- އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން
ޕީޖީ އޮފީހުން ބުނީ، މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު ޢާންމު އުޞޫލެއްގެ ގޮތުން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެގެން ކުރަމުން ގެންދާނެ ކަމަށާއި، ކޯޓު އަޑުއެހުންތަކަށް ޤަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތަކަށް ވެސް އޮފީހަށް ހާޒިރުވެގެން ކުރިއަށް ގެންދާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
”މި އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައި ވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ހަމަޖެހިފައި،“ — ޕީޖީ އޮފީހުން ބުންޏެވެ.
މީގެ އިތުރުން އެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެ އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ މި ބަދަލުތަކުގެ ސަބަބުން އެ އޮފީހުން އާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެ ކަމަށެވެ.












