ބ. ތުޅާދޫގެ ސިޔާސީ ތާރީޚުގައި ފުރަތަމަ ފަހަރަށް، ކައުންސިލް އިންތިޚާބެއްގައި އެމްޑީޕީއަށް އޮތް މެޖޯރިޓީ ގެއްލިއްޖެއެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާގޮތުގައި ވެރިކަން ކުރާ ޕީއެންސީން ވަނީ އެ ރަށުން އެއް ގޮނޑި ކަށަވަރުކޮށް، ދެވަނަ ގޮނޑިއެއްގެ އުންމީދު ބޮޑުކޮށްފައެވެ.
ތުޅާދޫއަކީ އާންމުގޮތެއްގައި އިންތިޚާބުތަކުގައި އެންމެ އަވަހަށް ނަތީޖާ ކަށަވަރުކުރާ އެއް ރަށް ނަމަވެސް، މި ފަހަރުގެ އިންތިޚާބުގެ ނަތީޖާ ކަށަވަރު ނުވެ 24 ގަޑިއިރު ވެގެންދިޔައިރު ވެސް ރަށް އޮތީ އިންތިޒާރުގައެވެ. މިހާތަނަށް ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކަށަވަރު ކުރައްވާފައިވަނީ މިހާރު ވެސް ބ. އަތޮޅު ކައުންސިލްގެ ރައީސްކަން ފުރުއްވަމުން ގެންދަވާ އަހްމަދު އަފްރާހްއެވެ.
ކައުންސިލްގެ އަންހެން މެންބަރުންގެ ގޮނޑިތަކަށް ބަލާއިރު، އަމިއްލަ ގޮތުން ވާދަކުރި ސިފްނާ ރަޝާދު ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ. ނަމަވެސް އަންހެން މެންބަރުންގެ ދެވަނަ ގޮނޑީގެ ވާދަވެރިކަން ވަރަށް ބޮޑެވެ. މި ގޮނޑިއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓް ސާޖިދާ ޢަބްދުއްރަޙްމާން އާއި ޕީއެންސީގެ ކެންޑިޑޭޓް ޝައްފާ ޢަލީ އާ ދެމެދު އުޅެނީ އެންމެ ދެތިން ވޯޓުގެ ތަފާތެއް ކަމަށްވުމުން، އެ ނަތީޖާ އަދި އޮތީ ކަށަވަރުނުވެއެވެ.
ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ބޮޑު ތަފާތަކުން ޝިޙާބު ޢަލީ ކާމިޔާބުކޮށްފައިވާއިރު، އަނެއް ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ޔާސިރު މުޙައްމަދު ވަނީ ކާމިޔާބުކޮށްފައެވެ. ޔާސިރު މި ގޮނޑި ކާމިޔާބުކުރީ ތުޅާދޫ ކައުންސިލްގެ މެންބަރުކަމާއި ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަޙްމަދު ރަޝީދު (ބަންކާ) އާ ވާދަކޮށްގެންނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގޮނޑި ހިމެނޭހެން ހަތަރު ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ބާކީ އޮތް އެއް ގޮނޑިއަށް އެމްޑީޕީގެ ޒާހިދާ ޔޫސުފް އާއި ޕީއެންސީގެ އިހުސާނާ ޢަލީ އާ ދެމެދު އޮތީ ވަރަށް ކުޑަ ފަރަޤެކެވެ.
މިއީ ތުޅާދޫގެ ސިޔާސީ ތާރީޚުގައި އެމްޑީޕީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަބަދުވެސް އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ މި ރަށުން މިފަހަރު ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.













