ދިވެހިރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ ވުޖޫދުވީއްސުރެ އެމްޑީޕީގެ ކިއްލާއެއްހެން އޮތް އއ. އުކުޅަހުގެ ކައުންސިލްގެ ގޮނޑިތައް އެ ޕާޓީއަށް ގެއްލިއްޖެއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި އޮތް އުކުޅަހުގެ މައްޗަށް ޕީއެންސީން މިވަނީ ކުރިހޯދާ ތާރީޚު ބަދަލުކޮށްލާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީ ދައްކާ ގޮތުން އުކުޅަހު ކައުންސިލްގެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މީގެ ތެރޭގައި އ.ތ.މ ކުރާ ކޮމިޓީގައި ހިމެނޭ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް އެއް ގޮނޑި ލިބިފައިވާއިރު، ޕީއެންސީއަށް ޖުމްލަ ފަސް ގޮނޑި ވަނީ ލިބިފައެވެ.
އާބާދީ 2،000 އަށް ވުރެ މަދުވުމުން މި ރަށުން ކައުންސިލަށް ހޮވަން ޖެހޭނީ ތިން ގޮނޑިއެވެ. އިއްޔެ ބޭއްވި އިންތިޚާބުގައި އެންމެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވީ ވާނީ އުކުޅަހު ކައުންސިލްގެ މިހާރުގެ ރައީސް ޝައުކަތު އިބްރާހިމެވެ. އެމްޑީޕީގެ ޓިކެޓުގައި ކައުންސިލްގެ ރައީސް ކަމަށް ހަތަރު ވަނަ ދައުރަކަށް ވާދަކުރެއްވި، ޝައުކަތަށް ލިބިވަޑައިގަތީ 307 ވޯޓެވެ. ޝައުކަތު ބަލިކޮށް، ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ 380 ވޯޓާއެކުގައި ޕީއެންސީގެ ކެންޑިޑޭޓު އަލީ ވަހީދެވެ.
އުކުޅަހު ކައުންސިލްގެ މެމްބަރު ކަމުގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ޝަފްރާޒެވެ. އޭނާއަށް 390 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ހުސްނީ އަށް ލިބިވަޑައިގަތީ 282 ވޯޓެވެ.
އުކުޅަހު ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓު އައިމިނަތު ޒޫނާއަށް ލިބިވަޑައިގަތީ 347 ވޯޓެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ފާތުމަތު ރަނިއްޔާ އަށް ލިބިވަޑައިގަތީ 325 ކެންޑިޑޭޓުންނެވެ.
ތާރީޚީ ބަދަލަކާއެކު ކައުންސިލް އިންތިޚާބުގައި އުކުޅަހުން އެމްޑީޕީއަށް ނޫނެކޭ ބުނިއިރު، އެ ރަށަކީ އެމްޑީޕީގެ ބޮޑެތި ނިންމުންތަކެއް ވެސް ނިންމި ރަށެކެވެ. އެގޮތުން، 2018 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް ވެސް ބޭއްވީ އެ ރަށުގައެވެ. އަދި އެމްޑީޕީން ކޮންމެ އިންތިޚާބެއްގައިވެސް ޚާއްޞަ ސަމާލުކަމެއް ދޭ ރަށެއްގެ ގޮތުގައި އުކުޅަސް ފާހަގަވެގެން ގޮސްފައިވެއެވެ.
މި ފަހަރުގެ އިންތިޚާބުގެ ކެމްޕޭނުގައިވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ރަށަށް ވަޑައިގެން ކެމްޕެއިންގައި ބައިވެރިވެވަޑައިގެންފައެވެ. އެހެންނަމަވެސް އުކުޅަހުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރަންރީނދޫ ކުލަ ވިލުނޫކުލަ އަށް ބަދަލުކޮށް ތާރީޚުގެ ތެރެއަށް މިވަނީ ގޮސްފައެވެ.












