މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަން. އަދި މިއިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވަން.…
— Dr Mohamed Muizzu (@MMuizzu) April 4, 2026
މިއަދުގެ އިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާއިއެއްގޮތަށް ރަނގަޅުކުރާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
”ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން“. ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެފައިވަނީ މިހާރު ވެސް އެ މަޤާމުގައި ހުންނެވި އާދަމް އާޒިމްއެވެ. 43 އިންސައްތައަށް ވުރެ ގިނަ ވޯޓާއެކު އާޒިމް ކުރީގައި އުޅުއްވާއިރު، ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު މޫސާ ޢަލީ ޖަލީލަށް ލިބިވަޑައިގެންފައިވަނީ 28 އިންސައްތަ ވޯޓެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެންޑޯޒްކުރެއްވި ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދަށް ލިބިވަޑައިގަތީ 23 އިންސައްތަ ވޯޓެވެ.
އައްޑޫ ސިޓީގެ ވަގުތީ ނަތީޖާއަށް ބަލައިލާއިރު އެ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ، މިހާރު ވެސް އެ މަޤާމުގައި ހުންނެވި ޢަލީ ނިޒާރެވެ. ފުވައްމަލައް ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ އެ ސިޓީގެ މިހާރުގެ މޭޔަރު އިސްމާއިލް ރަފީޤުއެވެ.
ކުޅުދުއްފުށި ސިޓީގެ ވަގުތީ ނަތީޖާއަށް ބަލައިލާއިރު، އެ ސިޓީގެ ކައުންސިލްގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް ކާމިޔާބުކުރެއްވީ މިހާރު ވެސް އެ މަޤާމުގައި ހުންނެވި އާތިފްއެވެ. ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ތިނަދޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެ ސިޓީގެ މިހާރުގެ މޭޔަރު ސަޢުދު ޢަލީއެވެ. އަދި ކައުންސިލްތަކުގެ ގިނަ ގޮނޑިތަކެއްވެސް އިދިކޮޅު އެމްޑީޕީން މިވަނީ ކާމިޔާބުކޮށްފައެވެ.
އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރުދުވަހު ވެސް ސިޓީތަކުގެ އިދާރީ ހިންގުން އޮންނާނީ އިދިކޮޅު އެމްޑީޕީގެ އަތްދަށުގައެވެ.














