މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޭތުވެދިޔަ ތިން ގަޑިއިރު ތެރޭގައި 58،000 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު ހެނދުނު 08:00 އިން ފެށިގެން 11:00 އާއި ހަމައަށް، ތިން ގަޑިއިރުގެ ތެރޭގައި 19.95 އިންސައްތަ މީހުން ވަނީ ވޯޓުލައިފައެވެ. އެއީ 58،819 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަޢުލޫމާތު ދީފައެވެ.
އޭގެތެރޭގައި ހިމެނެނީ، 25،761 އަންހެނުންނާއި 33،058 ފިރިހެނުންނެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ތިން އިންތިޚާބުގައި ހުރިހާ ފަރާތްތަކަށް ވެސް ތިން ވޯޓު ކަރުދާސްކޮޅު ލިބޭނެއެވެ. މި ތިން ވޯޓު ކަރުދާސްކޮޅު ލާންޖެހޭނީ ވަކިވަކި ތިން ފޮށްޓަކަށެވެ. މީގެ އިތުރުން ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ ފަރާތްތަކަށް އެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި 2,962 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމުލަ 294,937 މީހުންނަށް ލިބިފައިވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.













