މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޯޓުލައްވައިފިއެވެ.
ރައީސް މުޢިއްޒު ވޯޓުލައްވާފައިވަނީ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަކަށެވެ.
ވޯޓުލައި ނިންމަވާލެއްވުމަށް ފަހު މީޑިއާތަކަށް ދެއްވި ކުރު މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ޤާނޫނުން ލިބިދޭ އަސާސީ ޙައްޤެއް ކަމަށާއި، އެހެންކަމުން މި ޙައްޤު އަދާކުރުމަށް މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، މިއަދު ތިން އިންތިޚާބެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ތިން އިންތިޚާބުގައި ހުރިހާ ފަރާތްތަކަށް ވެސް ތިން ވޯޓު ކަރުދާސްކޮޅު ލިބޭނެއެވެ. މި ތިން ވޯޓު ކަރުދާސްކޮޅު ލާންޖެހޭނީ ވަކިވަކި ތިން ފޮށްޓަކަށެވެ. މީގެ އިތުރުން ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ ފަރާތްތަކަށް އެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި 2,962 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމުލަ 294,937 މީހުންނަށް ލިބިފައިވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.












