ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސްކޫލުގެ ކިޔެވުން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީޢު މި މޭރުމުން ވިދާޅުވީ ރޭ މެންދަމުގެ ވަގުތެއްގައި އެ ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ޝަފީޢު ޙިއްޞާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެ ސްކޫލުގައި އަލިފާން ރޯވުމުގެ ސަބަބުން، ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިންގ ރޫމްގެ އިތުރުން އެއް ކްލާސްރޫމް އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ.
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 12:30 އެހައިކަންހާއިރުއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށާފައިވާއިރު، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ އޭގެ ދޮޅު ގަޑިއިރު ފަހުން 02:00 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވި ނަމަވެސް، އަލިފާނުގެ ހާދިސާ ހިނގި ބްލޮކް ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދައި ހުލިވެފައެވެ.
މިނިސްޓަރު ޝަފީޢު ވިދާޅުވީ، މި ހާދިސާގައި ސްކޫލުގެ އެއް ޢިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
އަންނަ ހަފުތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގ ރޫމަށް ބޭނުންވާ މެޝިންތަކާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސައިދެއްވާނެ ކަމަށާއި، ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ފަދަ ގޮތަކަށް ސްކޫލުގެ ހުރިހާ ކަމެއް އިންތިޒާމު ކުރައްވާނެކަމަށް މިނިސްޓަރު ޝަފީޢު ވަނީ އިތުރަށް ވިދާޅުވެފައެވެ.












