ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑު އަދާކުރުމަށް 2021ވަނަ އަހަރު ވިއްކި 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ރައީސް މުޢިއްޒުގެ ސަރުކާރުން ދައްކައި މުޅިން ޚަލާސްކޮށްފިއެވެ.
މި ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާ އާއި އަދި ދިވެހި ދަޢުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ.
ސަރުކާރުން ބުނީ، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިޔަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން ޑޮލަރާއެކު ޖުމްލަ 524.68 މިލިޔަން އެމެރިކާ ޑޮލަރު މިހާރު ވަނީ ދައްކައި ނިންމާފައި ކަމަށެވެ. މި ފައިސާ ދެއްކުމާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
Press Release
The Government of Maldives Successfully Settles the USD 500 million Sukuk
ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމާ ގުޅޭhttps://t.co/V31Fur7EkP pic.twitter.com/xCAIzmC7Ep
— Ministry of Finance and Planning (@MoFmv) April 2, 2026
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިޤުތިސާދަށް ބުރަ ނުވާނެ ގޮތަށް ދަރަނި އަދާކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އޭގެ ތެރޭގައި އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓަށް ގެނައި ބަދަލުތައް ހިމެނެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު ވަނީ ކޮވިޑާ ގުޅިގެން މާރުކުރި، އެސްޑީއެފް ފަންޑަށް އަލުން ބޭރު ފައިސާ ޖަމާކުރަން ފަށައިފަ އެވެ. މީގެ ސަބަބުން ފައިސާޗާޕު ނުކޮށް ދަޢުލަތަށް އިތުރު ބުރައަކަށްނުވެ ސުކޫކު ދެއްކުމަށް ލުއިވެގެން ދިޔައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ސުކޫކު ނަގާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑު ދެއްކުމަށްޓަކަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ސުކޫކަކީ ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއް ކަމަށެވެ.
ސުކޫކު ދެއްކުމަށް ފަހު، މާލީ އިދާރާތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކާ ހެދި ކުރިމަތިވި އިޤްތިސާދީ ދަތިތަކާ ގުޅިގެން ސުކޫކް ދެއްކިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކު އުފެއްދަމުން އައި ނަމަވެސް ސަރުކާރުން އަބަދުވެސް ބުނަމުން އައީ ކަނޑައަޅާފައިވާ ތާރީހަށް ސުކޫކް ދެއްކޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު 1.3 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރަސްމީ ރިޒާވް މިހާ މަތީ މިންވަރަކަށް އިތުރުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އެ ދަރަނި އަދާކުރުމާ އެކު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދުރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވާނެ ކަމަށެވެ.












