Sunday, 26 July 2026

Ads by

ޅ. ނައިފަރު: އެމްޑީޕީއިން ގެނުވި މާޔޫސްކަމަށް ނޫނެކޭ ބުނެ ރައްޔިތުން ސަރުކާރާއި އެކު ގަދަކޮށް!

ޅ. ނައިފަރަކީ ތާރީޚީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ދިވެހިރާއްޖޭގައި ފާހަގަކޮށްލެވޭ މުހިންމު ރަށެކެވެ. ރާއްޖޭގެ ފަސްވަނައަށް އެންމެ އާބާދީ ބޮޑު މި ރަށުގެ ސިޔާސީ މަޝްރަހަށް މިއަދު އައިސްފައިވަނީ ބޮޑު ބަދަލެކެވެ. ނައިފަރުގެ ރައްޔިތުން މިއަދު ތިބީ ސަރުކާރާއެކު ސާބިތުކަމާއެކު ގަދަކޮށެވެ. މިއީ މާޒީގައި ކުރެވުނު ހިތްދަތި ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެ، އާ ފެށުމަކުން ރަށުގެ ކުރިމަގު ބައްޓަންކުރުމަށް ރައްޔިތުން ނިންމާފައިވާ ނިންމުމެކެވެ.

ފާއިތުވި ދިހަވަރަކަށް އަހަރަށް ބަލާއިރު، ނައިފަރު އޮތީ އިހުމާލުގެ ފުން ވަޅުގަނޑެއްގައެވެ. ރަށުގެ ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ހިއްކާފައިވާ 55 ހެކްޓަރުގެ ބިން ބޭނުންނުކުރެވި، ރައްޔިތުން ތިބީ އުންމީދު ކަނޑާލައިގެންނެވެ. ކުރީގެ ސަރުކާރުތަކުން ވެފައިވާ އިހުމާލުގެ ސަބަބުން ރައްޔިތުންގެ މާޔޫސްކަން އޮތީ އިންތިހާގައެވެ.

މާޒީއަށް ނަޒަރު ހިންގާލާއިރު، 2013 އިން 2018 އަށް ނައިފަރުގެ ތަރައްޤީއަށް ކުރެވުނު ހޭދައަކީ ފާހަގަކޮށްލެވޭ މިންވަރެކެވެ. އެ ފަސް އަހަރުގެ ތެރޭގައި އަހަރަކު އެވްރެޖްކޮށް 30 އާއި 40 މިލިއަން ރުފިޔާއާ ދެމެދުގެ ބަޖެޓެއް ނައިފަރުގެ މަޝްރޫޢުތަކަށް ހޭދަކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ބަނދަރުގެ ބައެއް މަސައްކަތްތަކާއި، ފެނާއި ނަރުދަމާގެ ނިޒާމުގެ އިތުރުން، ހޮސްޕިޓަލް އިމާރާތާއި ފުޓްބޯޅަ އަދި ފުޓްސެލް ދަނޑުތަކުގެ މަސައްކަތްތައް ކުރިއަށްދިޔައެވެ. ޖުމްލަ ގޮތެއްގައި އެ ފަސް އަހަރުގެ ތެރޭގައި ނައިފަރުގެ ތަރައްޤީއަށް 200 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާނޭ ކަމަށް ބެލެވެއެވެ.

ނައިފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވާހަކަފުޅު ދައްކަވަނީ– ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭގެ ފަހުން އައި އެމްޑީޕީގެ ވެރިކަމުގައި ނައިފަރުގެ ތަރައްޤީއަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތާއެކު ނައިފަރަށް މިވަނީ ތަރައްޤީގެ ބަހާރު މޫސުމެއް އައިސްފައެވެ.

 

މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ބިޔަކަމަށް ބަލާއިރު، އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢަކީ އެކަނިވެސް 679 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫޢެކެވެ. ބާރު ސްޕީޑުގައި ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން 44.8 ހެކްޓަރުގެ ބިން ހިއްކުން މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މިއީ މީގެ ކުރީގެ ފަސް އަހަރުގެ ދައުރެއްގައި ރަށަށް ކުރި ހުރިހާ ހޭދައަކަށްވުރެ މާ ބޮޑުތަނުން އިތުރު އަދަދެކެވެ.

ނައިފަރުގެ ޒުވާނެއް ކަމުގައިވާ އަހްމަދު އަމާން ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓެއް —

ބިން ހިއްކުމުގެ އިތުރުން ނައިފަރުގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަޝްރޫޢުތަކެއް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ރަށުގެ މަގު ހެދުމުގެ މަޝްރޫޢާއި، މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް 30 ޓަނުގެ އައިސްޕްލާންޓެއް ބެހެއްޓުމާއި، އުޅަނދުފަހަރު މަރާމާތު ކުރުމަށް ސްލިޕްވޭއެއް އެޅުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރެވިފައެވެ. އަދި ނައިފަރުގައި މިހާރު އޮތް ބަނދަރު އިތުރަށް ތަރައްޤީކުރުމާއި، މަތީ ތަޢުލީމަށް މަގުފަހިކުރުމަށް ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން ބަލާއިރު، 300 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް އެޗް.ޑީ.ސީ އާ ހަވާލުކުރެވިފައިވާއިރު، ރެއިންބޯ އަދި އަލްޓެކް އާ ކޮންޓްރެކްޓްކޮށްގެން 400 ހައުސިންގ ޔުނިޓްގެ މަޝްރޫޢެއްވެސް ވަނީ ފެށިފައެވެ. މީގެ އިތުރުން، ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމާއި، ކުނި މެނޭޖް ކުރުމަށް ވެމްކޯއާއެކު ކުރެވޭ މަސައްކަތްތަކާއި، އިސްލާމިކް ޔުނިވާސިޓީގެ ދަނާލެއް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ނައިފަރުގައި 300 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާއި ހަވާލު ކުރުން– ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދީނީ އަދި ތަޢުލީމީ ދާއިރާއަށް ބަލާއިރު، ނައިފަރުގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށް މިހާރު ވަނީ ސޮއިކުރެވިފައެވެ. އަދި މަދަރުސަތުލް އިފްތިތާޙަށް 10 ކްލާސް ރޫމް އިތުރުކޮށް، ޒަމާނީ ލެބޯޓްރީތައް ހިމެނޭ އިމާރާތެއް އެޅުމުގެ މަސައްކަތްވެސް ވަނީ ރޭވިފައެވެ. ހަމައެހެންމެ، ނައިފަރު ހޮސްޕިޓަލް 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތަކީ މުޅި އަތޮޅުގެ ޞިއްޙީ ނިޒާމަށް އަންނާނެ ބޮޑު ބަދަލެކެވެ

ނައިފަރު ރައްޔިތުން މިއަދު ބުނަނީ، އިހުމާލާއި މާޔޫސްކަމުގެ އެ ކަޅު އަނދިރި ދުވަސްތަކަށް ރުޖޫއަވާން ބޭނުން ނުވާ ކަމަށެވެ. އެހެންވެ، ނައިފަރުގެ ސިޔާސީ ފިކުރަށް އައި އެންމެ ބޮޑު ބަދަލަކީ، އެމްޑީޕީއަށް ތާއީދުކުރަމުން ދިޔަ ގިނަ ބަޔަކު އެ ފިކުރު ދޫކޮށް، ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުމެވެ. މިއީ ރަށުގެ ތަރައްޤީއަށްޓަކައި އެއްބައިވަންތަކަން އިސްކުރުމުގެ ރޫހެކެވެ. ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލައްވާފައިވަނީ މިހާރުވެސް ކައުންސިލްގައި ތިއްބެވި، ރައްޔިތުންގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ ސަރުކާރުގެ އިސް މަގާމުތައް ފުރިހަމަކޮށް، އިޖްތިމާއީ ޚިދުމަތްތަކުން އަބަދުވެސް ފެންނަ، ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ނައިފަރަށް އައިސްފައިވާ ކުރިއެރުންތަކަކީ ފާހަގަކޮށްލެވޭ ފަދަ ކަންކަމެވެ. ކުޅިވަރުގެ ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެނެވި، ވަޒީފާގެ އެތައް ފުރުސަތުތަކެއް ވަނީ ހުޅުވިފައެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ދެ ޔުނިވަރސިޓީގެ ގޮފިތައް ރަށަށް ގެނައުމަކީ ތައުލީމީ ދާއިރާއިން ލިބުނު ބޮޑު ކާމިޔާބީއެކެވެ. މަސްވެރިކަމާއި އިޤްތިޞާދީ ދާއިރާތަކުން ނަފާވެރިކަން އިތުރުވެ، ރަށުގެ އިޤްތިޞާދަށް އާ ދިރުމެއް ވަނީ ލިބިފައެވެ.

 

ޅ. ނައިފަރު ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން —

 

ކައުންސިލަކީ ސަރުކާރުގެ މުހިންމު ވަށަލައެކެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި، ކައުންސިލްގެ ދައުރަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، ސަރުކާރާ ގުޅިގެން ރަށުގެ ތަރައްޤީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމުގެ ބައިވެރިއަކަށް ވުމެވެ. ނައިފަރުގެ ރައްޔިތުން މިއަދު އެދެނީ ސަރުކާރާ ”ޖައްސާލާނެ“ ބައެއް ނޫނެވެ. އެދެނީ ސަރުކާރާ އަތްގޯޅިވެ، ރަށަށް ތަރައްޤީ ގެނެސްދޭނެ އިތުބާރު ހުރި ޓީމެކެވެ.

ނައިފަރުގެ މުސްތަޤްބަލު އޮތީ ސަރުކާރާ އެކުގައެވެ. ރައްޔިތުންގެ ބައިވެރިވުމާއި، ތަޖުރިބާކާރު ކެންޑިޑޭޓުންގެ ހިކުމަތު އަމަލީގެ ސަބަބުން ނައިފަރު މިއަދު މިވަނީ އާ އުސްމިންތަކަކަށް ދަތުރުކުރުމަށް ތައްޔާރުވެފައެވެ. މިއީ ނައިފަރުގެ ރަންޒަމާނުގެ ފެށުމެވެ. ސަރުކާރާއެކު ގަދަކޮށް ތިބެ، ނައިފަރުގެ ރައްޔިތުން މިއަދު މި ދައްކައިދެނީ ތަރައްޤީއަށް އޮތް ލޯތްބާއި ކެތްތެރިކަމުގެ ނަމޫނާއެކެވެ.

 

 

 

 

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް