ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ވެސް ބޭނުންވި ކަމަށާއި، ނަމަވެސް ސިޔާސީ މަންފާއަކަށް ޓަކައި މިކަން ހުއްޓުވަން މަސައްކަތްކުރުމަކީ ކަންބޮޑުވާކަމެއްކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މި މޭރުމުން ވިދާޅުވީ، ކޮންގްރެސް ޕާޓީން އާރޓިފިޝަލް ބީޗު ސަރަޙައްދުގައި ރޭ ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މަހްލޫފް ވިދާޅުވީ، މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވުމާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަމަށް ތާއީދުކުރައްވައި ވާހަކަދެއްކެވި ކަމަށެވެ.
މީގެ އިތުރުން އޭނާ އެމްޑީޕީގައި ހުންނެވި ދުވަސްވަރު އެ ޕާޓީގެ ބައެއް އިސްވެރިން، ވަކިން ޚާއްޞަކޮށް ކުރީގެ ރައީސް ޞާލިޙް ތިން އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި، ވާހަކަދައްކަވާފައިވާ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑު އެމްޑީޕީގައި ހުރިއިރު، އެމްޑީޕީން ތާއީދުކުރީ ރިޔާސީ އިންތިޚާބު ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެސް އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވެސް އެއްދުވަހެއްގައި ބާއްވަން، މިއަދު މިކަން ކުއްލިއަކަށް މާބޮޑު ސިޔާސީ ކަމަކަށް ބަދަލުވެގެން އުޅޭއުޅުން މިއީ ޙަޤީޤަތުގައި އަޅުގަނޑު ކަންބޮޑުވާކަމެއް، މިގޮތަށް މިކަން ސިޔާސީ ކޮށްލައިގެން ގޮސް، މީގެން ނެރެން ބޭނުންވާ ނަތީޖާ ނުނެރެވިއްޖެ ކަމުގައިވާނަމަ އޭގެ ގެއްލުން އޮންނަނީ ޙަޤީޤަތުގައި ރައީސަކަށް ނޫނޭ އިނގޭތޯ، ރައްޔިތުންނަށް ނޫނީ ޤައުމަށް،“ – މަހްލޫފް ވިދާޅުވިއެވެ.
އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވިއްޖެނަމަ، ދަޢުލަތުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވިގެންދާނެކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ، އެހެންވެއްޖެ ކަމުގައިވާނަމަ، 200 މިލިއަނާއި 300 މިލިއަނާއި ދެމެދުގެ ރުފިޔާ ދަޢުލަތުގެ ބަޖެޓުން ސަލާމަތްކުރެވިގެންދާނެ ކަމަށެވެ. ބޮޑު ހޭދައެއްކޮށްގެން ހަތަރު މަސްދުވަސްފަހުން އިތުރު އިންތިޚާބެއް ބޭއްވުމަށްވުރެ ބޮޑަށް ޤައުމަށް ވެސް ފައިދާކުރާނެ ގޮތަކީ އެ ފައިސާ ސަލާމަތްކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ، އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވިއްޖެކަމަށްވާނަމަ، ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް އިތުރުވާނެކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުން އިންތިޚާބުކުރަން ބޭނުންވާ ކެންޑިޑޭޓުން އިންތިޚާބުކުރުމުގެ ފުރުޞަތު ބޮޑުތަނުން ފަހިވެގެންދާނެ ކަމަށެވެ.












