މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މާލޭ ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި ފިރިހެނަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް އިއްޔެ މެންދުރު ފަހު 13:10 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތް ނަމަވެސް، ހަށިގަނޑު އޮތް ޙާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާއާއި ހިނގާފައިވާ ތަނާއި ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތަށް ރިޢާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަޙުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން މީޑިއާތަކަށް ހާމަކުރެވެން ހުރި މަޢުލޫމާތު ޙިއްޞާކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.












