ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާ އޮންނާނީ މިރޭ 20:45 ގައި ކޮންގްރެސް ޕާޓީގެ ރަސްމީ ހަރުގެ ހ. ވެޔޮވިލާގައެވެ. ޕީއެންސީން ވަނީ ކޮންގްރެސް ޕާޓީއަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން މިރޭގެ ޖަލްސާގައި ބައިވެރިވުމަށް އެދި ދަޢުވަތު އަރުވައިފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ދިމާކޮށް ޕީއެންސީން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަ ކެމްޕޭނު ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގެ އެކި ރަށްތަކުގައި ދޮރުން ދޮރަށް ހިނގުމާއި ކެމްޕޭނު ރެލީތައް ބޭއްވުން ފަދަ އެތަކެއް ހަރަކާތްތަކެއް އެ ޕާޓީން ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެކި ސަބަބުތަކާ ހުރެ، ޖުމްލަ 69 ގޮނޑިއެއް، އިންތިޚާބަކާ ނުލައި ޕީއެންސީއަށް ކާމިޔާބުވެފައިވާ އިރު، އޭގެ ތެރޭގައި ކައުންސިލްތަކުގެ 28 ގޮނޑިއެއްވެސް ހިމެނެއެވެ. މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ޖުމްލަ 2,962 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 294,937 މީހުންނަށް ލިބިފައިވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާއެކު ހަމަ އެ ދުވަހު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުންވެސް އޮންނާނެއެވެ.













