އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޮށްދޭ މީހާއަށް މާތް اللهގެ ހިޔާވަހިކަން ލިބޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ ދަރަންޏެއް ނެގިފަހުން ވެސް ތަނަވަސްކަމެއް ނުލިބި ދަރަނި ދައްކަން ނުކުޅެދިފައިވާ މީހާއަށް މުހުލަތުދިނުން ނުވަތަ ދަރަނި އަދާކުރުމުގެ މުއްދަތު އިތުރުކޮށް ދެވިދާނެ ކަމަށެވެ. އަދި އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޯށްދޭ މީހާއަށް މަހްޝަރު ދުވަހުގެ ގަދަހޫނުން ސަލާމަތް ކޮށްދޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ގިޔާމަތް ދުވަހު އިރު ހުންނާނީ މީސްތަކުން ބޯތަކާއި ނުހަނު ކައިރީގައި ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އިރުގެ ގަދަ އަވީން ހިޔާވަހިކަމެއް ލިބޭނެ މަގުތަކެއް ލޮބުވެތި ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ކަމަށާއި އެއީ މާތް ﷲގެ އަރްޝީގެ ހިޔާވަހިކަން ކަމަށް ބުންޏެވެ.
ގިޔާމަތް ދުވަހުން ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި މާތް اللهގެ ވަޖުހުފުޅަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވެ, އެކުގައި އުޅެ, އެގޮތުގައި ވަކިވެދިޔަ މީހުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ރީތި, މުއްސަނދި, މަތިވެރި, ހަސަބާއި ނަސަބުން މޮޅު އަންހެނަކު ފާހިޝް ކަމަކަށް ދައުވަތު ދިނުމުން އަހުރެން މާތް اللهގެ އަޒާބަށް ބިރުވެތިވަމޭ ބުނެ, އެ ދަޢުވަތާ ދުރުހެލިވި މީހާ ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.













