ސަރުކާރަށް ފާޑުކިޔުމުގެ ނިޔަތުގައި، ލޯފަން ފަރާތްތަކަށް ބަދުބަސް ރައްދުވާ ފަދަ މޭރުކަމުން، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްކި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ ހޫނުފެނަށް ވެއްޓުމުން އޭނާ އެ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދެފިއެވެ.
އެމްޑީޕީން މި މަހުގެ 28 ވަނަ ދުވަހު ތިނަދޫ ސިޓީގައި ބޭއްވި ހަރުގެ ޖަލްސާގައި ޝާހިދު ބުނީ، ”ކަނަކު އިޝާ ނަމާދަށް ދާހެން، މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް އަޅުގަނޑުމެންގެ މި އޮތީ. އެ ސަރުކާރަކަށް ނޭނގޭ މެނިފެސްޓޯގައި ލިޔެގެން، މެނިފެސްޓޯގައި ކަންކަން ކުރަންވާ ގޮތްތަކެއް ތަރުތީބުކޮށްގެން ހިސާބު ކިތާބު ޖަހައިގެން ކަން ކުރުން އެއީކަން ޤައުމު ހިންގުމަކީ،“ މިހެންނެވެ.
ޝާހިދުގެ މި ވާހަކަތަކަށް ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޝާހިދުގެ މި ވާހަކަތަކާ ގުޅިގެން ބްލައިންޑް އެސޯސިއޭޝަންގެ ރައީސް ޙުސައިން ޝަރީފް ވަނީ، ކަނަކު އިޝާ ނަމާދަށް ދާއިރު، އެހެން ނަމާދަކަށް ދިއުމަށް ނުކުރާ ކޮން ކަމެއްތޯ ތަފާތުކޮށް ކުރަނީ،“ މި ސުވާލު ޝާހިދުއާ ކުރިމަތި ކުރައްވައިފައެވެ.
ޝާހިދުގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، އޭނާ ވަނީ ލޯފަން ފަރާތްތަކުގެ ކިބައިން މަޢާފަށް އެދިފައެވެ. މިކަމާ ގުޅިގެން ޝާހިދު އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޕެއިން ޖަލްސާއެއްގައި، މިއަދުގެ ސަރުކާރުން ކަންކުރާގޮތް ސިފަކޮށްދިނުމުގެ ގޮތުން ބޭނުންކުރި ދިވެހި ބަހުގެ މަޖާޒީ މިސާލު ބަހަކީ، ލޮލުގެ ފެނުމުން މަޙުރޫމުވެފައިވާ ފަރާތްތަކުގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރި ބަހެއްނޫން ކަމަށެވެ.
”އެހެންނަމަވެސް ދިވެހިބަހުގެ ޒަމާންވީ މި ބަސް އަޅުގަނޑަށް ބޭނުންކުރެވިފައިވާތީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މަޢާފަށް އެދެން،“ – ޝާހިދު ޙިއްޞާކުރި ޕޯސްޓުގައި ބުންޏެވެ.
ޝާހިދު އިތުރަށް ބުނެފައިވަނީ، ދިވެހި ބަސްފޮތުގައި ހުރެދާނެ މިފަދަ ހުރިހާ ބަސްބަހެއް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލުމުގައި ހުރިހާ ބޭފުޅުން ވެސް އޭނާއާއި ބައިވެރިވުމަށް އެދޭ ކަމަށެވެ. ޝާހިދު އިތުރަށް ބުނެފައިވަނީ، ލޯފަން ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުގެ އަރިހުން ދީލަތި މަޢާފަކަށް އެދޭ ކަމަށެވެ.













