އޮސްޓްރިއާގެ ޤައުމީ އެއަރލައިން، އޮސްޓްރިއަން އެއަރލައިންސް އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން އޮސްޓްރިއަން އެއަރލައިންސް އިން އިއްޔެ ފުރި 324 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. މީގެ އިތުރުން ޓާމިނަލް 1 އަށް އިއްޔެ ކައިރިކުރި އެ އެއާލައިންސްގެ ފްލައިޓުން ރާއްޖެއަށް ޒިޔާރަތްކުރި 328 ފަސިންޖަރުންނަށް ވަނީ ބޮޑުބެރާއި އެކީ ހޫނު މަރުޙަބާއެއް ކިޔައިފައެވެ.
މިއީ އޮސްޓްރިއަން އެއަރލައިންސް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ކުރިއަށް ގެންދިޔަ ހާއްޞަ ހަރަކާތެކެވެ.
އޮސްޓްރިއަން އިން ރާއްޖެއަށް ފާއިތުވި 30 އަހަރުގައި ދަތުރު ފަށާފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި އޮސްޓްރިއާ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެން ވަނީ ގޮސްފައެވެ.












