މީސްމީހުން ބްލެކްމެއިލްކޮށް، އެމީހުންގެ ކޮންޓްރޯލް ނެގުމަށް ޔަހޫދީން ހިންގާ ޖަރީމާތަކާއި، ”އަދަދު“ ނޫހުން އިންތިޚާބުތަކާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރުކަތިލުމުގެ ގޮތުން ނެރޭ ޑޮކިއުމެންޓްރީތަކާ އެއްވެސް ތަފާތެއް ނެތް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒަމްޒަމް މި މޭރުމުން ވިދާޅުވީ ފޭސްބުކްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޝެއިޚް ވިދާޅުވީ، ”އަދަދު“ ނޫހުން އިންތިޚާބުތަކާ ދިމާކޮށް ކޮންމެ ފަހަރަކު ރައީސް މުޢިއްޒުގެ ޒާތީ ޙަޔާތާ މެދު ނެރޭ ދެކޮޅު ނުޖެހޭ ފިތުނަވެރި ޑޮކިއުމެންޓްރީތަކަކީ ކޮންމެ ބޭނުމެއްގައި ނަމަވެސް ނެރޭ ސިޔާސީ ފަސާދަވެރި ޕްރޮޕެގެންޑާކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ.
”އެންމެ ފަހުން ގޮސް މިއޮތީ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ޒިނޭގެ ތުޙުމަތު އަޅުވައި ޤަޒުފު ވެސް ކޮށްފައި، މި ހުންނަނީ 80 އެތިފަހަރުން ޙައްދު ޖަހަންޖެހޭ ވަރުގެ ކަންކަން،“ – ޝެއިޚް ޒަމްޒަމް ވިދާޅުވިއެވެ.
މީސްމީހުން ބްލެކްމެއިލްކޮށް އެމީހުންގެ ކޮންޓްރޯލް ނެގުމަށް ޔަހޫދީން ގެންގުޅޭ އުކުޅުތަކާއި އެބައިމީހުން ހިންގާ ޖަރީމާތަކާ މިފަދަ ޢަމަލުތަކާ އެއްވެސް ކަހަލަ ތަފާތެއް ނެތްކަން ފާހަގަކުރައްވަމުން ޝެއިޚް ވަނީ ނޫސްވެރިކަމުގެ ނަމުގައި މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނާޅާތީ އެކަމާވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އިސްލާމީ ޝަރީޢަތުގައި މުއުމިނެއްގެ މައްޗަށް ޒިނޭގެ ތުޙުމަތު ކުރުމަށްފަހު އެކަން ސާބިތުކޮށް ނުދެވިއްޖެ މީހާގެ މައްޗަށް އޮންނަ އަދަބަކީ ޤަޒުފުގެ ޙައްދުޖެހުމެވެ. އެގޮތުން އެކަން ސާބިތުކުރުމަށް ހަތަރު ހެކިން ނުގެނެވިއްޖެނަމަ، ޤަޒުފުކުރި މީހާގެ ގައިގައި 80 އެތިފަހަރުން ޙައްދުޖެހޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ”އަދަދު“ ނޫހުން ގެންދަނީ އިންތިޚާބުތަކާ ދިމާކޮށް ކޮންމެފަހަރަކު ވެސް ރައީސް މުޢިއްޒުގެ އަބުރު ކަތިލައި، އަގު ވައްޓާލުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި އެމަނިކުފާނު ކައުންސިލަށް ވާދަކުރެއްވުމުން ”ނޫމަޑި“ އަދި ”މެއިޑް“ ގެ ނަމުގައި ޑޮކިއުމެންޓްރީތަކެއް ނެރެފައިވެއެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ”ދޮންމަންމަ“ ގެ ނަމުގައި ވެސް އެ ނޫހުން ޑޮކިއުމެންޓްރީއެއް ނެރެފައިވެއެވެ. ”އަދަދު“ ނޫހުން ހުއްޓުމެއްނެތި ރައީސް މުޢިއްޒުގެ އަބުރު ކަތިލާ، ޙަޤީޤަތާ ޚިލާފު ޑޮކިއުމެންޓްރީތައް ނެރުނު ނަމަވެސް ރައީސް މުޢިއްޒަށް ރައްޔިތުން ކުރަމުން އަންނަ ތާއީދަށް އެއްވެސް ބަދަލެއް ނާދެއެވެ.












