ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް، މިއަދު އެ ޕާޓީން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް، އެ ކެންޑިޑޭޓުންގެ ކެމްޕޭނަށް މެޑަމް ސާޖިދާ އެ ސިޓީއަށް ވަޑައިގެންފައިވަނީ މިއަދުއެވެ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމާއެކު އެ ސިޓީން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ.
ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެ ޕާޓީން ސިލްސިލާކޮށް ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެކި ސަބަބުތަކާ ހުރެ، ޖުމްލަ 69 ގޮނޑިއެއް، އިންތިޚާބަކާ ނުލައި ޕީއެންސީއަށް ކާމިޔާބުވެފައިވާ އިރު، އޭގެ ތެރޭގައި ކައުންސިލްތަކުގެ 28 ގޮނޑިއެއްވެސް ހިމެނެއެވެ. މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ޖުމްލަ 2,962 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 294,937 މީހުންނަށް ލިބިފައިވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާއެކު ހަމަ އެ ދުވަހު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުންވެސް އޮންނާނެއެވެ.













