ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 9،600 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވަނީ، މިހާތަނަށް ޖުމްލަ 9،645 ފަރާތަކުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި 5،993 ފަރާތަކުން އަދި ގޯއްޗަށް އެދި 3،234 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމަށް ޖުމްލަ 9،227 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ”ގޯތި ގެދޮރު“ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 418 ފޯމު ހުށަހަޅާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޑްރާފްޓް މަރުޙަލާގައި މި ވަގުތު 13،279 ފޯމް އިންކަން ފާހަގަކުރަމުން އެ މިނިސްޓްރީން ބުނެފައިވަނީ، އިތުރު ދެ ޕްރޮގްރާމަކަށް އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އެއީ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ”ގެދޮރުވެރިޔާ“ ޕްރޮގްރާމްގައި ހިމެނޭ ދެ ކެޓަގަރީއާކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރާ ކެޓަގަރީއެވެ.
މި މަޝްރޫޢުގެ ދަށުން 1،200 އަކަފޫޓުގެ ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މާލޭގެ ރަށްވެހިންނަށާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
މީގެ އިތުރުން ޖުމުލަ 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލޭ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 4,000 ފްލެޓެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ސަރުކާރަކުން ކުރިއަށްގެންދާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. މި މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ”ހިޔާވަހި“ ޕޯޓަލްއަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.













