ކުޑަކުދިންނަށް ޖިންސީގޯނާކޮށް ކުޑަކުދިންގެ ބަރަހަނާ ވީޑިއޯތައް ގެންގުޅުކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރިހިދޯދި / ގދ.ފިޔޯރީ، މޫސަލް މުޢީން (37އ) އެވެ. މަޢުލޫމާތު ލިބިފައިވާގޮތުން މޫސަލް އަކީ ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރެކެވެ.
އޭނާއަކީ ޓީވީއެމްގައި ކުޑަކުދިންގެ ޝޯތައް ވެސް ޕްރޮޑިއުސް ކުރަމުން އައި މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނާ މިދިޔަ މަހު 26 ގައި ހައްޔަރުކުރީ ޝޯއަކަށް ގެންދިޔަ ކުއްޖަކާ އެކަށީގެންނުވާ ވާހަކަ ދައްކައި ގްރޫމްކުރަން އުޅުނު މައްސަލައެއްގަ އެވެ. އެ މައްސަލަ މީގެ ހަތަރު ވަރަކަށް މަސް ކުރިން ފެންމަތިވުމާ އެކު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ، ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ކުއްޖާ ގުރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރުމާއި، ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުމާއި ކުޑަކުދިންނާއެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. އޭނާ ގިނަ އަދަދެއްގެ ފިރިހެން ކުދިންނާ މިފަދަ ގުޅުންތައް ބާއްވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އެނގިފައިވެ އެވެ.
މޫސަލް އަކީ މިދިޔަ 5 އަހަރުވެސް ޓްވިޓާ (އެކްސް) ގައި އިސްލާމްދީނާ ޚިލާފު ވާހަކަތައް ދެއްކުމާއި، އަންހެނުންނާއި ފިރިހެނުންނަށްވެސް ފުރައްސާރަކުރުމާ، ޖިންސީގޮތުން ވެސް ފުރައްސާރަވާ ޒާތުގެ ކޮންޓެންޓް ހަދަމުން ދިޔަ ފަރާތެކެވެ. އޭނާ ބޭނުންކުރަމުން އައި އެކްސް އެކައުންޓް @FoniLunbo މިހާރު ވަނީ ތަޅުއަޅުވާފައެވެ. މޫސަލް އަކީ ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި އެޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް ވެސް އުޅުނު މީހެކެވެ. އަދި އޭރު އަންހެން ފިރިހެން ޖިންސު ބަދަލު ކުރުމަށް ހިތްވަރުދީ އެމްޑީޕީ ލީޑަރޝިޕުން ކުރިއަށް ގެންދިޔަ ”ސޫޓްސްމީ“ ކެމްޕޭނު ލީޑުކުރީވެސް މޫސަލްއެވެ.

މޫސަލް މުޢީން ހައްޔަރުކޮށްފައިވަނީ 2026 ފެބުރުވަރީ 26 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2026 މާރިޗު 25 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ ކުޑަކުދިންނާ ގުޅޭ މިފަދަ މަންޒަރުތައް ގެންގުޅުމާއި ފެތުރުން ހިމެނޭހެން، އެ ކުދިންނާ ގުޅުންހުރި އެންމެހައި ކުށުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ މައްސަލަތަކެއް ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކަމަށެވެ.














