ބަލި ޙާލަތު ސީރިއަސްވެ ކުއްލި ގޮތަކަށް ކުޑަކުއްޖަކު ނިޔާވި ހާދިސާ ކަމާގުޅުންހުރި އިދާރާތަކާއެކު ބަލަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ހެލްތް އިން ބުނެފިއެވެ.
މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން އެކްސްގައި ޙިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، 25 މާރިޗް 2026 ވަނަ ދުވަހު ޢުމުރުން ހަ އަހަރުގެ އިބްރާހީމް އަޛާން ސުހައިލް، މ. ޗީޒް ނިޔާވި ހާދިސާ އެ މިނިސްޓްރީން ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
25 މާރިޗް 2026 ގައި މ. ޗީޒް, އިބްރާހީމް އަޛާން ސުހައިލް ނިޔާވި ހާދިސާ މި ވުޒާރާއިން ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ދަނީ ބަލަމުންނެވެ.
— Ministry of Health (@MoHmv) March 26, 2026
އަޒާންއަކީ ސްޕެސްޓިކް ކްވޮޑްރުޕްލީޖިކް ސެރަބަލް ޕަލްސީ ނަމަކަށް ކިޔާ ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ ކުއްޖެކެވެ.
މި ހާދިސާއާ ގުޅިެން އަޒާންގެ މަންމަ މީސް މީޑިއާގައި ޙިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އަޒާން ނިޔާވެފައިވަނީ އެ ކުއްޖާއަށް ކާން ދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބު ބަދަލު ކުރަން ޖެހި، އެ ޓިއުބް ނުލިބި ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ކަމަށެވެ. އެ ޓިއުބު ހޯދުމަށް އެސްޓީއޯ މެދުވެރިކޮށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އޯޑަރު ދީފައިވާނެ ކަމަށާއި، ނަމަވެސް އަށް މަސްދުވަސްވެގެން ދިޔައިރުވެސް އެސްޓީއޯގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެތައް ފަހަރެއްގެ މަތިން އެސްޓީއޯގެ ހުޅުމާލެ ފާމަސީއަށް ވެސް ދިޔަ ކަމަށާއި އަށް މަސްދުވަސް ފަހުން އެސްޓީއޯ ފާމަސީން ގުޅާ، އެ ޓިއުބަށް އޯޑަރު ދިނުމަށް އެންސްޕާގެ އެޕްރޫވަލް ލިބިފައިނުވާ ކަމަށް ބުނި ކަމަށް އަޒާންގެ މަންމަ ބުންޏެވެ. އަޒާންގެ މަންމަ ބުނި ގޮތުގައި އެ ކުއްޖާއަށް ކާން ދިނުމަށް ބޭނުންވާ ޓިއުބް، ހެޔޮއެދޭ ފަރާތަކުން ފަހުން ގެނެސްދީފައިވީ ނަމަވެސް އެއިރު ކުއްޖާގެ ޙާލަތު އޮތީ ޓިއުބް ބަދަލުކުރެވޭ ވަރަށް ވުރެ މާބޮޑަށް ދަށްވެފައެވެ.
މިކަމާ ގުޅިގެން އެސްޓީއޯ އަދި އެންސްޕާގެ ބަހެއް އަދި ލިބިފައެއްނުވެއެވެ.












