އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކޮށްފައިވާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކި ގޮތްގޮތުން ދިމާވެފައިވާ ދުވަސްވީ މައްސަލަތަކަށް ދާއިމީ އަދި ފުރިހަމަ ޙައްލެއް ގެނެސްދެއްވާނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުޝްރިފް ޢަލީ ވިދާޅުވެއްޖެއެވެ.
މުޝްރިފްގެ ކެމްޕޭން އެކައުންޓުތަކުން މިއަދު އާންމުކުރި ވީޑިއޯއެއްގައި އޭނާ ވިދާޅުވީ، އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅުނު ނަމަވެސް އެއީ ދިރިއުޅުމަށް ދަތި، އެތައް މައްސަލަތަކެއް ތަކުރާރުކޮށް ދިމާވަމުންދާ ތަނެއް ކަމަށެވެ. މުޝްރިފްއަކީ ވެސް އެ ސަރަޙައްދުގައި ދިރިއުޅުއްވާ ބޭފުޅަކަށްވާތީ، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިޙުސާސްތައް ފުރިހަމައަށް އެނގިލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ފުލެޓުތަކުން ފެން ލީކުވުމުގެ މައްސަލައާއި ސާފު ފެން ނުލިބުމުގެ މައްސަލަ އަދި ވިއްސާރަ ދުވަސްވަރު މުޅި ސަރަޙައްދުގައި ފެންބޮޑުވެގެން ކުރިމަތިވާ ދަތިތައް މުޝްރިފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލެޓުތައް ހުރީ މޫދާ ކައިރި ސަރަޙައްދެއްގައި ކަމުން ލޮނުގެ އަސަރުކޮށް އާންމުންގެ އަގުބޮޑު މުދަލަށް އެތައް ގެއްލުމެއް ލިބެމުންދާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
”މި ސަރަޙައްދުގައި އުޅޭ ރައްޔިތުން ކުދިންނާއެކު ގޮސް ހިތް އުފާކޮށްލަން މަޑުކޮށްލާނެ އެއްވެސް ތަނެއް ނެތް، ކުރިން މި ތަނުގައި ޕާކެއް އޮތް، ނަމަވެސް އެތަން ވެސް މިއަދު އޮތީ ވަރަށް ބޮޑު މަރާމާތަކަށް ބޭނުންވެފަ، މީގެ އިތުރުން، މިއޮއް ބޮޑު ފުލެޓު ސަރަޙައްދުގައި ގަސް ވަރަށް މަދުކަން ފާހަގަވޭ، މިތަން ފެހި ކުރުމަކީ ޙަޤީޤަތުގައި ވަރަށް މުހިންމު ކަމެއްކަން އެންމެންވެސް ގަބޫލުކުރޭ،“ – މުޝްރިފް ވިދާޅުވިއެވެ.
މުޝްރިފް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އޭނާ އަދި ’ދަ ގްރޭޓަރ‘ އައްޑޫގެ ޓީމު ހޮވައިދީފިނަމަ މި މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ޙައްލުކޮށްދެއްވާނެ ކަމަށާއި، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ އަދި ހިތްހަމަޖެހޭ ތަނަކަށް އެތަން ހައްދަވައިދެއްވާނެ ކަމަށެވެ.
އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައި ހުރި ފުލެޓުތައް ވެސް ހުރީ މިފަދަ ޙާލަތެއްގައިކަން ފާހަގަކުރައްވަމުން މުޝްރިފް އިތުރަށް ވިދާޅުވެފައިވަނީ، އެތަންތަން މި ޙާލަތަށް ދިޔައީ އެތައް އަހަރެއްގެ އިޙުމާލުން ކަމަށެވެ.













