ތިނަދޫ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ދެ މަޝްރޫޢެއްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިގޮތުން ފަށާފައިވަނީ އެ ސިޓީގައި އަޅާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތާއި، މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތެވެ.
ތިނަދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ ޢިއްޒަތްތެރި މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ތިނަދޫ ސިޓީގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ… pic.twitter.com/GsV3u8QW0D
— Ministry of Construction, Housing & Infrastructure (@MoCImv) March 23, 2026
މީގެ އިތުރުން، ތިނަދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރް.ޑީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޡީމު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ފިޔަވަހީގެ ދަށުން ތިނަދޫގެ 19.3 ކިލޯމީޓަރުގެ މަގުގައި (ޖުމްލަ 50 މަގު) ތާރުއެޅުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި މަގުތަކުގައި ނިޝާންތައް ކުރެހުމާއި، ސައިން ބޯޑު ހަރުކުރުމުގެ އިތުރުން ދުވާރުތައް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ
މި މަޝްރޫޢުތަކަކީ ތިނަދޫ ސިޓީގެ އުމްރާނީ ތަރައްޤީއަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު މަސައްކަތްތަކެކެވެ. މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން ސިޓީގެ ފޭސް 1 އަދި 2ގިނަ މަގުތަކެއްގައި ތާރުއެޅުމާއި އެ ސިޓީގެ ފޭސް 3 ބޮޑެތި މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.









