އަމިއްލަ ޢުމްރާ ގްރޫޕުތަކުގެ ޙަވާލުގައި ޢުމްރާގެ އަޅުކަމަށް ދިޔަ ފަރާތްތަކުގެ ތެރެއިން، ފްލައިޓު ކެންސަލްވުމުގެ ސަބަބުން އަނބުރާ ރާއްޖެއަށް ނާދެވި، ސަޢޫދީ ޢަރަބިއްޔާގައި ތާށިވެފައި ތިބި ބައެއް ޢުމްރާވެރިންނަށް އަނބުރާ ރާއްޖެ އާދެވޭނެ ގޮތް ހަމަޖައްސައިދީފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ބައެއް އަމިއްލަ ޢުމްރާ ގްރޫޕުތަކުން ޓިކެޓު ނަގާފައިވާ އެއަރލައިންތަކުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދަތުރުތައް ކެންސަލްކުރުމުގެ ސަބަބުން އަނބުރާ ރާއްޖެ ނާދެވިފައިތިބި ޢުމްރާވެރިންނަށް ޙައްޖު ކޯޕަރޭޝަނުން އެހީތެރިވެފައިވާ ކަމަށެވެ.
ޢުމްރާގެ އަޅުކަމަށް ދިޔަ ފަރާތްތަކުގެ ތެރެއިން 100 އެއްހައި ޢުމްރާވެރިން އަނބުރާ ރާއްޖެ ގެނައުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން ފްލައިޓަކުން ޖާގަ ހަމަޖައްސައިދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މިކަމުގައި އިތުރު ހާސްކަމެއް އުޅޭކަން އެނގިފައި ނެތް ކަމަށެވެ. މީގެ އިތުރުން، ކުންފުނިތަކުން މިހާރު ދަނީ އެހެން މަގުތަކުންވެސް ޢުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރަމަޟާން މަހާއި ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި، ރާއްޖެއިން 2،000 އަށްވުރެ ގިނަ ފަރާތްތަކުން މި އަހަރު ސަޢޫދީ ޢަރަބިއްޔާއަށް ގޮސްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.













ލާާރިދީގެން ގެނައީ. ހިލޭއައްނޫން