ވ. ފެލިދޫ ކައިރީގައި މާރިޗު 19 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާއާއި ގުޅޭ ގޮތުން މީޑިއާތަކުގައި އެކި ކަހަލަ ތުހުމަތުތައްކޮށް، އެކި ގޮތަށް ޚަބަރުތައް ދައުރުކުރަމުންދަނިކޮށް ދިވެހި ފުލުހުންގެ ޚިދުމަތުނ ބަޔާނެއް ނެރެފިއެވެ. ބަޔާނުގައި ވަނީ ހިނގާ ދިޔަ އެކްސިޑެންޓާއި ބެހޭގޮތުން ދައުރުވާ ވާހަކަތަކަށް ރައްދުދެއްވާ ކަންހިނގި ގޮތުގެ ޞައްޚަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ ވ. ފެލިދޫ ކައިރީގައި 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ. އަދި އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ބައެއް މީޑިއާތަކުގައި މި ހާދިސާގައި އިހުމާލުވި އިންޑިއާ މީހަކަށް ފިޔަވަޅެއްނާޅާ ފުރުވާލީ ކަމަށް ބުނާ މައްސަލަވެސް މިވަނީ ސާފުވެފައެވެ. އެގޮތުން މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރައިފައި ކަމަށް ފުލުހުން ހާމަކުރިއެވެ. ބެލެވޭ ގޮތުގައި އެމީހަކީ މީޑިއާތަކުން އެބުނާއިންޑިއާގެ ރޭމަންޑް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ގޯތަމް ސިންގާނިޔާ އެވެ.
އެ ލޯންޗަކީ އިންޑިއާގެ ރޭމަންޑް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ގޯތަމް ސިންގާނިޔާގެ ކުންފުނީގެ ’ޓީޓީ އަޝޭނާ‘ ނަމަކަށް ކިޔާ އަމިއްލަ ޔޮޓުގެ ލޯންޗެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެ ލޯންޗަކީ ސިނގިރެޓް ރޭސިން މަރުކާގެ ސްޕީޑް ލޯންޗެއް ކަމަށްވެއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ 2026 މާރިޗު 20 ވަނަ ދުވަހު ފަރުވާއަށް ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައި ކަމަށާއި، އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއްކަމަށެވެ.
ވ. ފެލިދޫ ކައިރީގައި 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު pic.twitter.com/j9fAEu22j3
— Maldives Police (@PoliceMv) March 21, 2026
މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ތިބީ ޖުމްލަ ހަތް މީހުން ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ.
މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ. މި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.











