ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.
ޑިއޭގޯ ގާސިއާއަކީ އެމެރިކާ އާއި އިނގިރޭސިވިލާތް ގުޅިގެން ހިންގާ އަސްކަރީ މަރުކަޒެކެވެ. މި މަރުކަޒަކީ ރާއްޖޭގެ ދެކުނުން 700 އެއްހައި ކިލޯމީޓަރު ދުރުގައި އޮންނަ އަސްކަރީ މަރުކަޒެކެވެ.
އެމެރިކާގެ އިސް އޮފިޝަލުންނާ ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން ދިން މި ހަމަލާތަކުގައި، އެއްވެސް މިސައިލެއް އެ މަރުކަޒަށް އަމާޒުވެފައެއް ނުވެއެވެ. އެގޮތުން، ދަތުރުގެ މެދުތެރެއިން މީގެ އެއް މިސައިލް ފެއިލްވެފައިވާއިރު، އަނެއް މިސައިލް ވަނީ އަމާޒާ ހަމައަށް ވާސިލުވުމުގެ ކުރިން ދިފާޢީ ނިޒާމުތަކުން ހުއްޓުވައިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ އަދި އެއްވެސް ތަނަކަށް މާއްދީ ގެއްލުމެއް ލިބިފައިވާކަމުގެ ވެސް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ޑިއޭގޯ ގާސިއާއަކީ ޗާގޯސް އާކިޕެލެގޯ ނުވަތަ ފޯޅަވަހި ޖަޒީރާގައި ހިމެނޭ ރަށެކެވެ. އެ ސަރަޙައްދަކީ އަދިވެސް އިނގިރޭސިވިލާތުގެ އިސްތިޢުމާރުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ.













