މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ދެ މުއައްސަސާގެ މުވައްޒަފުންގެ މުސާރައަށް އަލަށް ގެނެވުނު ބަދަލަށް މި ހިނގާ މާރިޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާއިރު، ސަރުކާރުން ގެނެސްފައިވާ މި ބަދަލާއެކު ކަރެކްޝަންސް އާއި ކަސްޓަމްސްގެ ހުރިހާ ދާއިމީ މުވައްޒަފުންނާއި އޮފިސަރުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މި ދެ މުއައްސަސާގެ މުވައްޒަފުންގެ މުސާރައަށް އަލަށް ގެނެވުނު ބަދަލަކީ ނެޝަނަލް ޕޭ ފްރޭމްވޯކްގެ ދަށުން މުސާރަތައް އެއްހަމަކުރުމަށް (ޕޭ ހާމަނައިޒްކުރުމަށް) ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެކެވެ. އެގޮތުން މި އަހަރަށް ފާސްކުރި ދަޢުލަތުގެ ބަޖެޓުގައި މުސާރަތައް އެއްހަމަކުރުމަށް ކަނޑައަޅާފައިވާ 1.6 ބިލިއަން ރުފިޔާގެ ތެރޭގައި މި ދެ މުއައްސަސާގެ މުސާރަ ބޮޑުކުރަން ވަނީ ހިމަނައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރައަށް މިފަދަ ބަދަލެއް ގެންނަން ސަރުކާރުން ނިންމާފައިމިވަނީ ގާތްގަނޑަކަށް 11 އަހަރުދުވަހުގެ ދިގު މުއްދަތަކަށްފަހުގައެވެ. އެ މުއައްސަސާގެ މުވައްޒަފުންގެ މުސާރައަށް އެންމެ ފަހުން ބަދަލެއް ގެނެސްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ދަށުން، ނިމިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސިވިލް ސަރވިސް އާއި ދަޢުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.














