އެކުވެރި ޢަރަބި ޢިމާރާތުގެ ރެޑް ކްރެސެންޓުން ހަދިޔާކުރި ފިޠުރު ޒަކާތުގެ ފައިސާ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ޔަތީމުންނާއި ފަޤީރުންނަށް ޚަރަދުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއަށް ހަވާލުކޮށްފިއެވެ.
އެ ޤައުމުގެ ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި ރާއްޖެއަށް 40،780.44 އެމެރިކާ ޑޮލަރު (626,795.36 ރުފިޔާ) ހަދިޔާކޮށްފައިވެއެވެ.
މި ފައިސާ ހަދިޔާކޮށްފައިވަނީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ފިޠުރު ޢީދުގެ އުފަލުގައި ބައިވެރިކުރުމަށާއި އެ ކުދިންނަށް ޢީދު ހެދުން ގަނެދިނުމަށާއި ފުޑް ޕެކޭޖު ދިނުމަށާއި ރޯދަ ވީއްލުން ދިނުމަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައިވެއެވެ.
މިކަމާ ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، އެފަދަ ކުދިން ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، އެ ޙަރަކާތްތައް މާލޭ ސަރަޙައްދާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.
އެކުވެރި ޢަރަބި ޢިމާރާތުގެ ރެޑް ކްރެސެންޓްގެ ފަރާތުން ހަދިޔާކުރި މި ފައިސާއަކީ، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން ހާމަކޮށްދޭ އެހީތެރިކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ.












