ފ. ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ފެކްޓްރީއަށް ބޭނުންވާ ބިންހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ފެކްޓްރީއަށް ބޭނުންވާ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް 14 މާރޗް 2026 ވީ ހޮނިހިރު ދުވަހު ފަށާފައިވާ ކަމަށެވެ.
ފ.ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް 14 މާރޗް 2026 ގައި ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ ކާރުޚާނާގައި ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެެ.އަދި މި… pic.twitter.com/hvbxAsFPYu
— Ministry of Fisheries and Ocean Resources (@MFORmv) March 15, 2026
މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓްކިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ފިޝަރީޒް މިނިސްޓްރީން އެމްޓީސީސީއާއެކު މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދެމުން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ، ނިލަންދޫގައި ޤާއިމްކުރާ ދަޅު މަސް ބަންދުކުރާ ފެކްޓްރީއަށް ބޭނުންވާ ބިންހިއްކުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ އުތުރު ފަރާތުން ޖުމްލަ ހަތް ހެކްޓަރުގެ ބިންހިއްކައިގެން ކަމަށެވެ.
މި މަޝްރޫޢު ނިމި އެ ރަށުގައި ދަޅު މަސް ބަންދުކުރާ ފެކްޓްރީ ތަރައްޤީކޮށް ހުޅުވިގެން ދިއުމާއެކު، ދުވާލަކު 50 ޓަނުގެ މަސް ދަޅު އެ ފެކްޓްރީގައި ބަންދުކުރެވޭނެ ކަމަށާއި، މި މަޝްރޫޢުގެ ދަށުން 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.












