މަޝްޙޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް ޤާސިމް އެދިވަޑައިގެންފިއެވެ.
މި މައްސަލައާ ގުޅިގެން އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، އޭނާގެ ނަމުގައި ރަމަޟާން ކޭޝް ސަޕޯޓް ގޮތުގައި ފަންސާސް ހާސް ރުފިޔާ ލިބޭ ފުރުޞަތެއް ކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކުގައި އަދި މީސް މީޑިއާގެ އެކި މަންސަތަކުގައި އޭނާގެ އޭއައި ފޮޓޯ އަދި ސުވާލު ލިންކު ބޭނުންކޮށްގެން މުޢާމަލާތްތަކެއް ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަޅުގަނޑުގެ ނަމުގައި ރަމަޟާން ކޭޝް ސަޕޯޓް ގޮތުގައި ފަންސާސް ހާސް ރުފިޔާ ( ހުރިހާ ބަލިކަށި ހައުސްހޯލްޑްސް އަށް ) ލިބޭ ފުރުޞަތެއްކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އަޅުގަނޑުގެ އޭއައި ފޮޓޯ އަކާއި ސުވާލު ލިންކަކާއި އެކު ފަތުރަމުންދަނީ…
— Qasim Ibrahim (@qasimibrahim) March 15, 2026
ޤާސިމް ވިދާޅުވީ އޭނާގެ އޭއައި ފޮޓޯ އަދި ސުވާލު ލިންކާއެކު ފަތުރަމުންދަނީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ސައްޙަނޫން މުޢާމަލާތެއް ކަމަށެވެ. އަދި މިފަދަ ސްކޭމަރުންގެ ސަބަބުން އެތައް ބައެއްގެ ވަޤުތު ބޭކާރުވާ ކަމަށާއި، އެތައް ބަޔަކަށް އެކަމުގެ ސަބަބުން ދެރަ ނިކަމެތި ގޮތް ދިމާވަމުންދާ ކަމަށެވެ.
އެހެންކަމުން މިކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަ ކަމަށާއި މިފަދަ ސްކޭމްތަކުގައި ރައްޔިތުން ނުޖެހުމަށް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ސްކޭމް ކުރުމުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މިފަދަ ސްކޭމް ކުރުމުގެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ފުލުހުން ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.













