މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގައި ޤާނޫނީ ފުށުއެރުންތަކެއް ހުރިކަމަކަށް ޤަބޫލެފުޅެއް ނުކުރައްވާ ކަމަށް ރައިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދައުރުގެ ތެރޭގައި އަބަދު އިންތިޚާބުތައް އޮތުމުގެ ސަބަބުން ރައްޔިތުންނަށް ސިޔާސީ ކަންކަމުގެ ތެރެއިން ނުކުމެގެން، ހަމަޖެހިލައިގެން އުޅުމަށް ވަޤުތު ނޯންނަކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ، ރައްޔިތުން ހަމަޖެހޭ މާޙައުލެއްގައި ދިރިއުޅުމުގެ ޖާގަ ހޯދައިދިނުން ކަމަށެވެ.
”އަބަދު ކޮންމެވެސް ޕްރައިމެރީއެއްގައި ކޮންމެވެސް އިންތިޚާބެއްގައި ކޮންމެވެސް ކޮންމެވެސް ކެމްޕޭނެއްގައި، މިކަމަށް އެބަޖެހޭ ނިމުމެއް އަންނަން، އަޅުގަނޑުމެންގެ ޤައުމުގައި ސިޔާސީ ކަންކަން ނޫން ކަންކަން ކުރަން ވަޤުތު ހޯދަންޖެހޭ، ޒުވާނުންވެސް ހަރު މީހުންވެސް ހުރިހާ އެންމެން އެބަޖެހޭ އަޅުގަނޑުމެންގެ ޤައުމަކީ ވަރަށް ހަމަޖެހިގެން ދިރިއުޅެވޭ އުފާވެރި ޤައުމަކަށް ހަދަން، އެކަމަށް އޮތް އެންމެ ރަނގަޅު އެއް ޙައްލަކީ އިންތިޚާބުތައް މަދުކުރުން، މައި އިންތިޚާބުތައް އެކުއެކީގައި އެއްދުވަހެއްގައި ބޭއްވުން،“ – ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ސަބަބުން އެއްވެސް ފަރާތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބޭނީ ކޮން ޕާޓީއަކަށް ކަމެއް ނުވަތަ ވެރިކަން ލިބޭނީ ކޮންބޭފުޅެއްކަން ނޭނގޭނެކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މިކަމުގެ ސަބަބުން ނުފޫޒުން އެއްކިބާވެފައިވާ ރައްޔިތުންގެ މަޖިލީހެއް ލިބުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.
”ބައެއް ބޭފުޅުން އެ ވިދާޅުވަނީ ޤާނޫނަށް މި ގެނައި އިޞްލާޙު ގެނެވޭނީ ޚާއްޞަ މަޖިލީހެއް އެއްކުރައްވައިގެންނޭ، އެހެން އެ ވިދާޅުވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރު ޢަމަލުކުރަމުން މިދާ ފެހި ޤާނޫނުއަސާސީ ބުނަނީ ޤާނޫނު އިޞްލާޙުކުރާނީ ވެސް ޤާނޫނު ހަދާނީ ވެސް ޤާނޫނު އުވާލާނީ ވެސް ރައްޔިތުންގެ މަޖިލީހުންނޭ، އެހެންވީމާ މިހާރަކު ޤާނޫނެއް ހަދާކަށް ޤާނޫނެއް އުވާލާކަށް ޚާއްޞަ މަޖިލީހެއް އެެއްކުރާކަށް ނުޖެހޭ، އެއީ އަޅުގަނޑުމެން އެންމެ ބަލައިގަނެގެން މިއަދު މިއޮތް ޤާނޫނުއަސާސީ ބުނެފަ އޮތް ގޮތް، އެހެންވީމާ ޤާނޫނީ އެއްވެސް ފުށުއެރުމެއް މިއަކު ނެތް، މިއީ ޞައްޙަ އިޞްލާޙެއް އަޅުގަނޑުމެން ގެނެސްގެން މިއުޅެނީ،“ – ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަކީ ވެސް ޞައްޙަ އިންތިޚާބެއްކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މި އިންތިޚާބަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުން ކައިރީގައި އަހައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިންތިޚާބެއް ކަމަށެވެ.
މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފާސްކުރާނީ ރައްޔިތުން އެކަމަށް އާއެކޭ ބުނުމުން ކަމަށް ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވިއެވެ.













