ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްދީފިއެވެ.
އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި ފޯމު ހުށަހަޅަން އިތުރު މުއްދަތެއް ދިނުމަށް ނިންމީ، އެކަމަށް އެދި ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކަށް އިންތިޚާބު އޮބްޒާވްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ކަމަށް އެ ކޮމިޝަނުން ޢާންމުކޮށްފައިވާ އިޢުލާނެއްގައި ވަނީ ބުނެފައެވެ.
އީސީން މި ފުރުޞަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 08:00 އިން ފެށިގެން މާދަމާ ރޭ 12:00 އާއި ހަމައަށެވެ.
މިކަމާ ގުޅިގެން އީސީން ބުނެފައިވަނީ، ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންކަން އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމުޢިއްޔާތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމުޢިއްޔާއަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށް ކަމަށެވެ. އަދި މީގެ އިތުރުން ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެންމެ އޮބްޒާވަރަކަށް ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.
މި އިންތިޚާބުގައި އޮބްޒާވަރުގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އީސީގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި ފޯމު ހުށަހަޅާނީ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ ”ސިމެދަ ޕޯޓަލް“ މެދުވެރިކޮށެވެ.
އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑަށް އިޤުރާރުވުމަށްވެސް ޖެހޭނީ އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި ގިނަ ބަޔަކު މިހާރުވެސް ވަނީ ފޯމު ހުށަހަޅައިފައެވެ. އެގޮތުން އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި 1،400 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާއިރު އިންތިޚާބު މޮނިޓަރކުރުމަށް އެދި 3,091 ފަރާތަކުން ވަނީ ފޯމު ހުށަހަޅައިފައެވެ.













